ރިޔާސީ އިންތިޚާބު 2023: ދެ ކެންޑިޑޭޓަކަށް އެއްތަނެއްގައި، އެއްވަގުތެއްގައި ކެމްޕޭން ނުކުރެވޭނެ
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓަކު އެއް ވަގުތަކު، އެއް ސަރަހައްދެއްގައި ކެމްޕޭން ހަރަކާތް ހިންގުން މަނާކޮށްފިއެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ސިޔާސީ ޕާޓީތަކުން މިހާރު ވަނީ، އިންތިޚާބުގެ ކެމްޕެއިން ފަށައިފައެވެ.
އިލެކްޝަންސް ކޮމިޝަން(އީސީ) އިން މިއަދު ގެޒެޓު ކުރެއްވި 'ރިޔާސީ އިންތިޚާބުގެ ޤަވާއިދު 2023' ގައި ވަނީ ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓެއްގެ ޕާޓީއަކުން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމުކޮށްގެން ނުވާނެ ކަމަށެވެ.
އަދި، ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާ ވަގުތު އެ ތަނެއްގެ އިންތިޒާމު ނަގާލުމަށް ބަޔަކު މަސައްކަތް ކުރާނަމަ، އަމިއްލައަށް އެކަން ހައްލުނުކޮށް ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭނެ ކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.
އަދި ކެމްޕޭން ކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އަމިއްލަ ފަރުދެއްގެ ގެޔެއްގައި ނުވަތަ ބިމެއްގައި ބަހައްޓާ، ހަރުކޮށް، ތަތްކޮށް، ނުވަތަ ދަަމަންވާނީ އެ އިމާރާތެއްގެ ނުވަތަ ބިމެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ.