ޚަބަރު ސިޔާސީ

ރައީސް ނަޝީދަށް އުމުރަށް މުސާރަ ލިބެނީ އަހަރެމެން ހޯދައިދިން ތާއީދުން: މޫސަ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
2008 ވަނަ އަހަރު ރައީސް ނަޝީދަށް ތާއީދު ހޯދުމަށް މޫސަ އެމްޑީޕީގެ ޓީމަކާއިއެކު ހަރަކާތްތެރިވަނީ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމަށް އާދެވި އުމުރު ދުވަހަށް މުސާރަ ކަށަވަރުވެފައި އެވަނީ "އަހަރެމެން" ހޯދައިދިން ތާއީދާއިއެކު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް ނަޝީދާއި ދެކޮޅަށް ނިކުމެވަޑައިގެން ވާހަކަ ދައްކަވާތީ ސޯޝަލް މީޑިއާގައި ވަނީ އެމެމްބަރުން ގޮނޑިއަށް ހޮވައިދިނީ ރައީސް ނަޝީދު ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ކަމަށް ވާހަކަ ދައްކަން ފަށައިފަ އެވެ. ރައީސް ނަޝީދުގެ ތާއީދު ބޮޑު ދާއިރާތަކަށް އެމްޑީޕީގެ މެމްބަރުން ހޮވުނީ އެމަނިކުފާނު ވަޑައިގެން ކެމްޕެއިން ކޮށްދެއްވުމުންކަމަށް އަރިހުގައި މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" ގެ ލީޑަޝިޕްގެ ބޭފުޅުންވެސް ދަނީ ވިދާޅުވަމުންނެވެ.

މިކަމާއި ގުޅުވައި ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރެއްވި މޫސަ ފޮޓޯއެއް ހިއްސާ ކުރައްވައި ވިދާޅުވީ ނަޝީދުގެ  ތާއީދާއެކީގައޭ އެވެނި މެމްބަރަކަށް މަޖްލީހަށް ވަދެވުނީ ކިޔައިގެން މީހުނަށް ހަޖޫޖަހާއިރު "މިފޮޓޯ" ބައްލަވާލައްވަން އެދޭ ކަމަށެވެ.

"މީ ނަޝީދު ވެރިކަމަށް ލާންވެގެން އަހަރުމެން ރަށްރަށައް އަރާ ކުރި މަސައްކަތް. އަހަރުމެން ހޯދާދިން ތާއީދަކާއެކީ އުމުރަށް މުސާރަ ކަށަވަރުވެފަ އެހުރީއޭ ބުނަންވީނު؟" މޫސަ ލިޔުއްވި އެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މޫސަ އެހެން ޓުވީޓެއްގައި ވަނީ ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގައި ދެމި ހުންނަވާތީވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ މަޤާމަކަށް އިންތިޚާބު ކުރުމުން އެމަޤާމުގައި ދެމިހުރެވޭނީ އެކަމަށް އޮންނަ އިޖުރާޢަތުގެ ތެރެއިންކަން  އެނގިހުރެ އެކިގޮތްގޮތުން މަޤާމް ދިފާޢު ކޮށްގެން ރައީސް މަޢުމޫނުވެސް 30 އަހަރު ހުންނެވި ކަމަށް ރައީސް ނަޝީދު މަލާމާތްކުރައްވާފައި، މިހާރު މަޖްލީހުގެ ރައީސްއާ ނައިބު ރައީސް ވެސް މިތިބީ މަޤާމު ދޫނުކުރާން ކަމަށެވެ.

މޫސަ އާއި ރައީސް ނަޝީދާއި ދެމެދު މައްސަލަތަކެއް އުފެދުނީ މޫސަ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ދުރުކުރި ހިސާބުންނެވެ. އެމްޑީޕީގައި ހުންނަވައި މޫސަ ވަނީ ރިޔާސީ ރޭހުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަންވެސް އޭރު ފާޅުކުރައްވައިފަ އެވެ.

އޭގެ ފަހުން އެމްޑީޕީން ވަކިވެ މޫސަ ވަނީ އޭރު ސަރުކާރު ހިންގި ޕާޓީ، ޕީޕީއެމްއާއި ގުޅިވަޑައިގެންފަ އެވެ. މޫސަ ވަނީ 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގައިވެސް އިސްކޮށް ބައިވެރިވެވަޑައިގެންފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!