މަޖިލީހުގައި މަރުތަޅުއެޅުވޭ ގޮތަށް ކަންކަން ކުރުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއްނޫން: ނާޒިމް

ދައުލަތުގެ އެއްބާރު ކަމުގައިވާ މަޖިލީހުގައި މަރުތަޅުއެޅުވޭ ގޮތަށް ކަންކަން ކުރުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއްނޫން ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތަށް ދިމާވެދާނޭ ކޮންމެކަމެއްގައި މަޖިލީހުގެ ދައުރު އަދާކުރެވޭގޮތަށް ކަންކަން ފަހިކުރެވެންޖެހޭ ކަމަށެވެ. އަދި މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭ ކަަމަށާއި މަޖިލީހުގައި އެޅިފައިވާ މަރުތަޅު ނައްޓާލައްވައި، މަޖިލީހުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއަދާކުރުމަށް ޖާގަދެއްވުމަށް އިސްނެންގެވުމަށް ސަރުކާރަށް ގޮވާލާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރުން އެއްފަހަރާ ހުށަހެޅީ މަޖިލިސް ޑެޑްލޮކަކަށް ގެންގޮސް އެ ބާރު ހުއްޓުވާލާފައި ބޭއްވުމަށް ކަމަށް އީވާ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން މިއަދުގެ މަޖިލިސް ޖަލްސާގެ ރިޔާސަތާއި ހަވާލުވާނެ ބޭފުޅެއް ނެތުމުގެ ސަބަބުން ޖަލްސާ ކުރިޔަށް ނުގެންގޮސް ވަނީ ނިންމާލާފައެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، އެހެން ދުވަހެކޭ ވެސް އެއްގޮތަށް ރައީސް ނަޝީދު މިއަދު ވެސް 08:45 ގައި މަޖިލީހަށް ވަޑައިގަތް ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރި ވުމުންނެވެ.