ވިސާއާ ނުލާ ދިވެހިންނަށް ޔޫރަޕަށް ދެވޭނެ މަގު ފަހިވަނީ
އިތުރު ވީޒާއެއް ނެގުމަކާއި ނުލައި ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަން ނުވަތަ ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ކުރިއެރުންތަކެއް ލިބިއްޖެއެވެ.
ސަރުކާރުން މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވުނު ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖޭގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނަށްފަހު ނެރުއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.
ރާއްޖެއާއި އީ.ޔޫއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި އީ.ޔޫގެ މެމްބަރު ޤައުމުތަކަށް އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުން ރާއްޖެއާއި އީ.ޔޫއިން މަޝްވަރާކޮށްފައިވެއެވެ. އަދި، އީ.ޔޫއަށް ވިސާއާ ނުލައި ދަތުރުކުރެވޭ ޤައުމުތަކުގެ ލިސްޓު ދެން އެންމެ އަވަހަށް ރިވިއު ކުރާއިރު އިތުރު ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އީ.ޔޫއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު އީ.ޔޫއިން ގޮތެއް ނިންމާނެކަމަށް ޖޮއިންޓް ޕްރެސްގައި ފާހަގަކޮށްފައިވެއެވެ.
މިއަދު ކުރެވުނު މަޝްވަރާތަކުގައި އީ.ޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި މިހާރަށް ވުރެ ބޮޑަށް އީ.ޔޫ އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު އިތުރު ކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.