އިދިކޮޅުން ރައީސް ޞާލިހާ ބައްދަލުކުރައްވަން ދާ ކޮންމެ ދުވަހަކު ލިބެނީ އީމެއިލް އެޑްރެހެއް
އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަނިޔާކުރުން ހުއްޓައިލުމަށް ގޮވައިލާ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލުލުރެއްވުމަށް ދެ ދުވަހު ދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށް އިދިކޮޅުން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިދިކޮޅުން ވަޑައިގަންނަވަނީ ރައްޔިތުންގެ ޝަކުވާތަކަށް އަޑުއިއްވުމަށް ކަމަށެވެ. އަދި ރައީސް ޞާލިހާ ބައްދަލުކުރައްވަން ދާ ކޮންމެ ދުވަހަކު ލިބެނީ އީމެއިލް އެޑްރެހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“އިއްޔެ އަޅުގަނޑުމެންނަށް ދެއްވީ މި އީމެއިލް އެޑްރެސް. ރައީސުލްޖުމްހޫރިއްޔާއާ ބައްދަކުކުރަން ބޭނުންކަމަށްވަންޏާ އީމެއިލް ކޮށްލާށޭ. އަޅުގަނޑުމެން ހަމަ އިއްޔެ މިތަނުގަ ތިބެފަ ވާނީ ރައީސް އޮފީހަށް ވަރަށް އާޖެންޓްކޮށް ރައީސް ޞާލިޙާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށް ބުނެ އީމެއިލްއެއް ކޮށްފަ” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިއަދު ވެސް އެ ސަރަހައްދަށް އިދިކޮޅުން އެއްވެފައިވަނީ ކުރި އީމެއިލްއަށް ޖަވާބެއް ނުލިބޭތީ ކަމަށެވެ. އަދި މިއަދު ދިޔުމުންވެސް ދެއްވީ އީމެއިލް އެޑްރެހެއް ކަމަށާއި ދެން ދެއްވީ ވަޓްސްއެޕް ނަމްބަރެއް ކަމަށެވެ.
”މިއަދު ދެއްވީ އީމެއިލް އެޑްރެހެއް. ދެން ދެއްވީ ވަޓްސްއެޕް ނަމްބަރެއް. އަޅުގަނޑުމެންގެ ރިކުއެސްޓު ވަޓްސްއެޕަށް ފޮނުވާލާށޭ. މިއީ ދިވެހި ރާއްޖޭގެ އެންމެ މަތީ އޮފީސް. މިއީ މި އޮފީހުން ދިވެހި ރައްޔިތުންނާ ދޭތެރޭ ކަންތައް ކުރައްވާ ގޮތް” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަޖިލީހުގައި ސަރުކާރުގެ މެޖޯރީޓީ އޮތް ނަމަވެސް މަޖިލިސް ނުފެށި ލަސްވާ ކަމަށެވެ. އަދި މަޖިލިސް ހިނގަނެ ޖެހޭ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.