ޚަބަރު

އޮޑި އެޕަށް އުރީދޫގެ އެމް ފައިސާ ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން ކަމަށްވާ އޮޑިއެޕް އާއި ޑިޖިޓަލް ޕޭމްންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އެމް-ފައިސާ ގުޅިގެން ރަށްރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފެރީ އަދި ލޯންޗު ބުކްކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.

Ads by MWSC

އޮޑިއެޕް އަކީ ފެރީ އަދި ސްޕީޑްބޯޓް ޓްރާންސްފާގެ އިތުރުން އުޅަނދުފަހަރު ފަސޭހަކަމާއެކު ޗާޓާ ކުރެވޭ އެޕެކެވެ.

އުރީދޫން އިއްޔެ ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަގުބޫލުކަން ހޯދަމުން އަންނަ އޮޑިއެޕް އާއި އެމް-ފައިސާއާއެކު ވެވުނު މި ޕާޓްނާޝިޕަކީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑުލުޔެއް ކަމަށާއި އެމް-ފައިސާގެ ރައްކާތެރި އަދި ހަރުދަނާ މޮބައިލް ޕޭމަންޓް ސިސްޓަމް އިންޓަގްރޭޓް ކުރުމާއެކު، އޮޑިއެޕް ބޭނުންކުރާ ފަރާތްތަކަށް ސީދާ އެޕް މެދުވެރިކޮށް ޓްރާންސްފާ ބުކިންއަށް ފައިސާ ދެއްކުމުގެ އިތުރު ލުއިފަސޭހަކަން މިހާރު ލިބިގެންދާނެ ކަމަށެވެ. އަދި އަޟްހާ އީދު ބަންދާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ ރަށްތަކަށް ފުރުމަށް ގިނަ ބަޔަކު ތައްޔާރުވަމުންދާ މި ހިދުމަތާއެކު އެ ފަރާތްތަކުގެ ދަތުރުފަތުރުގެ އިންތިޒާމު މިހާރު ލުއިފަސޭހަކަމާއި ރައްކާތެރިކަމާއެކު ހަމަޖެއްސޭނެ ކަމަށެވެ.

"އޮޑިއެޕާ ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ތިބި ކަސްޓަމަރުންގެ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ މަގުސަދަކީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް ޓަކައި އީޖާދީ ޑިޖިޓަލް ފޯރުކޮށްދިނުން. އެގޮތުން މިހާރު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކުވެސް، އޮޑިއެޕުން އެމް-ފައިސާ މެދުވެރިކޮށް ދަތުރުވެރިންނަށް ލުއިފަސޭހަކަމާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސާލެވޭނެ. ކުރިއަށް އޮތް އަޟްހާ އީދު ޗުއްޓީއަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން ދާއިރު، މި ޕާޓްނާޝިޕްގެ ސަބަބުން ޗުއްޓީއަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރު ހަމަޖެއްސުމުގައި ލުއިތަކެއް ލިބިގެންދާނެކަން ޔަގީން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އޮޑިއެޕްގެ ކޯ ފައުންޑަރު އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސިޔާހް ޚަލީލް ވިދާޅުވީ އޮޑިއެޕްގެ އަމާޒަކީ ދަތުރުވެރިންނަށް ފަސޭހަ ސްޕީޑްބޯޓް ޓްރާންސްފާ ބުކިން ތަޖުރިބާއެއް ހޯދައިދިނުން. އެގޮތުން އެމް-ފައިސާ މެދުވެރިކޮށް އޮޑިއެޕް އިން ކުރާ ބުކިންތަކަށް ފައިސާ ދެއްކޭނެ އިނތިޒާމު ހަމަޖެހިގެން ދިއުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

"މި ޕާޓްނާޝިޕްގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ޑިޖިޓަލައިޒޭޝަންގެ ހެޔޮ އަސަރެއް ކުރާނެ ކަމަށް އުންމީދު ކުރަން،" ސިޔާހް ވިދާޅުވިއެވެ.

އެމް-ފައިސާ އަކީ އެމް-ފައިސާ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން، ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންއެކެވެ. މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލު ދެއްކުމުގެ އިތުރުން ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކުމަށްވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެމް-ފައިސާ އިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.

އެމް-ފައިސާގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑް http://ore.do/mf ކޮށް ފަސޭހަކަމާއެކު ރެޖިސްޓާކޮށްލެވޭނެއެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކްތަކާ ގުޅިގެން އެމް-ފައިސާ އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!