ސަރުކާރަށްވުރެ ގޭންގުތައް މާ ބާރުގަދަ: އުމަރު
ރާއްޖޭގެ މިއަދުގެ ސަރުކާރަށްވުރެ, ގޭންގްތައް މާ ބާރުގަދަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ, ރިޔާސީ އިންތިޚާބަށް ކެންޕެއިން ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އުމަރު ނަސީރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
އުމަރު ވިދާޅުވީ, "ހައްލަކީ އުމަރު" ކަމަށް އަޑު އަހާތާ 15 އަހަރު މިހާރު ވެފައިވާނެ ކަމަށާއި ނަމަވެސް މިހާރު އެކަން ޓެސްޓްކޮށްލަން ރައްޔިތުން ޖެހޭ ކަމަށެވެ. އަދި އުމަރުގެ ހައްލު ގެނެސްދޭން ކުޑަ ވެސް ފުރުސަތެއް ލިބުނީ ހޯމް މިނިސްޓަރުކަމުގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ދުވަސްވަރު ދެ އަހަރު އުމަރު ނަސީރު ވަނީ ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ. ފަހުން އެ މަޤާމުން އޭނާ ދުރުކުރިއެވެ. އުމަރު ވަނީ ހޯމް މިނިސްޓަރު ކަމުގައި “ކަނާތް ބަދެފައި” ހުއްޓާ ކުރެއްވި ކަންކަން ކިޔާދެއްވާފަެވެ.
“ދެ އަހަރު ދުވަހުގެ ހޯމް މިނިސްޓަރު ކަމުގެ ދައުރެއް އަޅުގަނޑަށް ލިބުނީ. މިއީ ވޭތުވެދިޔަ 15 އަހަރުގެ ސިޔާސީ ޙަޔާތުގައި, ހަމަ އަސްލު ވެސް ހައްލަކީ އުމަރު ކަމަށް ޓެސްޓްކޮށްލަން ލިބުނު ދެ އަހަރު. ތި ބޭފުޅުން ޤަބޫލު ކުރައްވާ ދިވެހި ރާއްޖޭގެ އެއްވެސް ހޯމް މިނިސްޓަރަކު ނުކުރާ ވަރަށް ރާއްޖެ އަމާން ކުރުމަށް އަޅުގަނޑު ހުންނާނެ މަސައްކަތްކޮށްފި.” އުމަރު ވިދާޅުވީ, މިއަދުގެ ސަރުކާރުން ގޭންގުތައް ދެކެ ބިރު ގަންނަ ކަަށެވެ.
“43 ގޭންގް ލީޑަރުން ގައިގައި ޓެގް އެޅުވި އެއްވެސް ހޯމް މިނިސްޓަރެއް ނުހުންނާނެ އަޅުގަނޑު ނޫނިއްޔާ. އިމްރާން [މިހާރުގެ ހޯމް މިނިސްޓަރު] އެ ވިދާޅުވަނީ ނޫންތޯ ޓެގް އަޅުވާނަމޭ. ހަތަރު އަހަރުވީ, އެންމެ ޓެގެއް ވެސް ނޭޅުވުނު. ސަބަބަކީ, ގޭންގް މާ ބާރުގަދައޭ ސަރުކާރަށްވުރެ. ކިހިނެއްތޯ ޓެގް އަޅުވާނީ”
އުމަރުގެ ވާހަކަފުޅުގައި ވަނީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ކުރުމަށް މިއަދުގެ ސިޔާސީ ލީޑަރުން ކުރެއްވި އަދި ކުރައްވާނެ މަސައްކަތަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި ހަރުކަށި އަދަބު ދެއްވާނަމޭ, މަސްތުގެ ވަބާއިން ފިލުވާދޭނަމޭ ބުނުމުން ނުފުދޭ ކަމަށާއި އެކަން ކުރާނެ ގޮތެއް ވިދާޅުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅުވީ, އެމަނިކުފާނުގެ ހޯމް މިނިސްޓަރުކަމުގެ ދަށުގައި 18 ކުއްތާ ރާއްޖެ ގެނެސް, މަތުވާތަކެތި އެތެރެކުރުން މަދުކުރެވުނު ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އިސްލާމީ ޝަރީއާގައި ހުރި އަދަބުތައް މަސްތުވާތަކެތި ވިޔަފާރި ކުރާ, އަދި ބޭނުންކުރާ ފަރާތްތަކަށް ދެއްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.