އެޗްޕީއޭގެ އުސޫލާ ޚިލާފަށް އަލިފުއްޓަށް ދިޔަ 2 މީހަކު ހައްޔަރުކޮށްފި
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާ ޚިލާފަށް މާލެއިން ފުރައިގެން ގޮސް، ހަދަމުންދާ ރިސޯޓެއްގައި ތިބުމަށްފަހު ރ. އަލިފުއްޓަށް ދިޔަ 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ބުނީ ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ފުރަބަންދުތެރޭ މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅޭ ގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަނެތި، މާލެއިން ފުރައިގެންގޮސް، ހަދަމުންދާ ރިސޯޓެއްގައި ތިބުމަށްފަހު މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ރ. އަލިފުއްޓަށް ދިއުމުން ކަމަށެވެ.
މި މައްސަލާފައި ހައްޔަރުކޮށްފައިވަނީ 47އ، އަދި 36އ ދިވެހި 2 ފިރިހެނުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ދެމީހުން ހައްޔަރުކޮށް ރ. އަލިފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އަދި މިމައްސަލައާއި ގުޅިގެން އެދެމީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މުއްދަތު މަޖުލީހުގައި އެދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތުދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މާލޭގައި ކޯވިޑް-19 ފެތުރެމުންދާތީ، އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް މާލެއިން ފުރައިގެން އެއްވެސް ރަށަކަށް ދިއުމަކީ މަނާ ކަމެކެވެ. އަދި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރުވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމެވެ. އެޗްޕީއޭއިން މި އުސޫލުތައް އާންމުކޮށްފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުން މި ބަލިމަޑުކަމުން ރައްކާތެރި ކުރުމުގެ ގޮތުންނެވެ.