"ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ މި މަހު 5 ގައި, ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ
"ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ މި މަހު 5 ގައި ބޭއްވުމަށް ހަމަޖައްސާފައިވާކަން އެ ޕާޓީން އިއުލާންކޮށްފިއެވެ.
ޑިމޮކްރެޓްސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން އުފައްދާ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަދި ޖަލްސާ ބޭއްވުމުގެ ހުއްދަ، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ޕާޓީ އުފައްދަން ޖެހޭ ޖަލްސާ މި ބުދަ ދުވަހުގެ ރޭގަނޑު 8:30 ގައި ޣިޔާސުއްދީން ސުކޫލުގައި ބާއްވަން ހަމަޖެހިފައިވާކަން ހާމަކޮށްފައިވަނީ އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ވަނީ އެޕާޓީ އުފެއްދުމަށް ސޮއިކުރި 3650 މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ޕާޓީއަށް ސޮއިކުރަން ބޭނުންވާ އެހެން މީހުންނަށް ބުދަ ދުވަހު އޮންނަ ޖަލްސާގައި އެޕާޓީއަށް ސޮއިކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ހަސަން ލަތީފު ފާހަގަކުރައްވާފައިވެއެވެ.
މި ޖަލްސާގައި މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ވާދަކުރައްވައި ރައީސް ނަޝިދަށް ލިބުނު ނާކާމިޔާބީއަށްފަހު، އެމަނިކުފާނު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ. ދާދިފަހުން ރައީސް ނަޝީދު އެމްޑީޕީއާ ވަކިވެވަޑައިގެންފައިވާއިރު، ދަ ޑިމޮކްރެޓްސް ޕާޓީއަކަށް ސޮއިކުރައްވާފައެއް ނުވެއެވެ.
ޑިމޮކްރެޓްސްއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށްވެސް ވަނީ އިއުލާނުކޮށްފައެވެ. އެހެންނަމަވެސް އެ ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހާމަކޮށްފައިނުވެއެވެ.