އަންނަ އަހަރު ތިލަމާލެ ބްރިޖު ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވެއްޖެ
އަންނަ އަހަރު ތިލަމާލެ ބްރިޖް ބޭނުންކުރަން ފެށޭނަކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާޙު ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުވައިލި ބިންވެރިޔާ ސްކީމްގެ މަޤްސަދަކީ މާލެ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައިދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫޢު މުޅިން ފުރިހަމަވާނީ ތިލަމާލެ ބްރިޖް ނިމި ރައްޔިތުންނަށް އެތަން ބޭނުންކުރެވެން ފެށުމުން ކަމަށެވެ.
އަދި އެ ބްރިޖުގެ މަސައްކަތް "އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ނިމި ބޭނުންކުރެވޭނެ" ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫޢުއަކީ އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއަކަށްވާއިރު، މިއީ މި ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އުމްރާނީ މަޝްރޫޢުއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއްވެސް ސަރުކާރުންވަނީ ނަގައިފައެވެ.
އަދި މި މަސައްކަތަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްވެސް ވަނީ ލިބިފައެވެ.