ނޫސްވެރިންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް އަމްރު މާފާށް އެދިއްޖެ
ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުކޮށް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްކި ވާހަކަތަކަށް މާފަށް އެދިއްޖެއެވެ.
އަމްރު ޓްވިޓާގައި އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ސަރުކާރެއްގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ނޭދެވޭ ހުރިހާ ކަމެއް ހުއްޓާލުމަށް އޮތް އެންމެ ބޮޑު އެއް ބާރު ކަމަށެވެ. އަދި އެ ބާރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި މީޑިއާތަކަށް ފައިސާގެ މިނިވަންކަން ލިބެންޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ.
“މީގެ ދެ ދުވަސް ކުރިން ނިއުސް ކޮންފަރެންސްގައި އަޅުގަނޑު މިނިވަން ނޫސްވެރިކަމުގެ މުހިންމު ވާހަކަ ދެއްކިން. އަޅުގަނޑުގެ ވާހަކަ ގެންދެވުނު ގޮތުން ބައެއް ބޭފުޅުންގެ ހިންހަމަނުޖެހުން ފާޅުކުރެވުނު. ވާހަކަ އެ މޭރުމުން ގެންދެވުނު ކަމަށްޓަކާ ނިހާޔަތަށް މާފަށް އެދެން” އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އަބަދު ވެސް ގަބޫލުކުރަނީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ސަރުކާރެއްގެ އެއްވެސް ނުފޫޒެއް ނެތި އޮންނަން ޖެހޭނެ ކަމަށް ކަމަށެވެ. އަދި އެކަން ވުމަށްޓަކައި ގާނޫނަކުން ބާރު ލިބިގެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލުން މީޑިއާއަށް ވެސް ފައިސާ ލިބުމުން ސަރުކާރެއްގައި އޭރަކު ތިބޭ ބައެއްގެ ރުހުން ހޯދަން ނުޖެހި މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ޖާގަ ލިބޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަމްރު ވަނީ ނޫސްވެރިން ކުރެއްވި ސުވާލަށް ޖަވާބު ނުދީ "ތިއީ ރައީސް އޮފީހުން ފޮނުވާ ސުވާލެއް" ކަމަށް ވިދާޅުވެފައެވެ. އަމްރު ތުހުމަތު ކުރެއްވީ ނޫސްވެރިން ސުވާލު ކުރެއްވީ ރައީސް އޮފީހުން އަންގައިގެން ކަމަށެވެ.