ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވުން މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް: ނަޝީދު

ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތް ކުރާތަން މިސަރުކާރުން ފެނިގެން އަންނަކަމަށާއި ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވުން މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީީސް ނަޝީދު މިހެން ވިދާޅުވީ އާރުޑީސީއާއި ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލައެއް ފެންމަތިވެގެން އުޅޭކަމަށް ބުނެ ފެތުރެމުން އަންނަ ހަބަރާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް، ޕީޖީ އަދި ކޯޓުތަކަށް ނުފޫޒު ފޯރުވައި އޮއްބާލާކަން ރައީސް ޞާލިހުގެ މިދައުރުގައި ވަރަށް ފާހަގަވޭ. މިހާރު ފެންމަތިވެފައިވާ އާރުޑީސީގެ ހިޔާނާތުގެ މައްސަލައަކީވެސް މިފަދަ އާއްމުކަމެއް. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތިކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
އާރުޑީސީގެ ހިޔާނާތުގެ ބޮޑުމައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ހަބަރުފެތުރެމުން އަންނަ އިރު ކުރެވެމުން އަންނަ ތުހުމަތުތައް އާރުޑީސީގެ އިސްވެރިން އަންނަނީ ދޮގު ކުރަމުން ނެވެ.