ކޮޅުފުށީގެ އާބާދީ ކުޑަވުމުން އެރަށާމެދު ކުރީގެ ސަރުކާރުން އެއްވެސް އުންމީދެއް ނުކުރޭ: ރައީސް ޞާލިޙް
ކޮޅުފުށީގެ އާބާދީ ކުޑަވުމުން އެރަށާމެދު ކުރީގެ ސަރުކާރުން އެއްވެސް އުންމީދެއް ނުކުރައްވާކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން މ އަދި ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ ކޮޅުފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުރީ ސަރުކާރުތަކުގެ އަމާޒަކަށްވީ ވަކިވަރަކަށް އާބާދީ ދިރިއުޅޭ ރަށްރަށަށް ތަރައްޤީ ގެނައުން ކަމަށާއި، ނަމަވެސް ރައީސް ޞާލިޙުގެ ނަޒަރުގައި ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އުފަން ރަށުގައި އަސާސީ ޚިދުމަތްތަކާއެކު އުޅެވެން ވާނެއެވެ.
އެމްޑީޕީން ވޭތުވެދިޔަ ފަސް އަހަރުގައިވެސް މަސައްކަތްކުރީ މިފަދަ ރަށްތަކަށްވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށާއި، އެކަން ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ.
އެގޮތުން އެންމެ މުހިންމުވީ އަމާންކަން ޤާއިމުކުރުމަށްކަމަށާއި އެކަމުގެ މަސައްކަތްތައް ރައީސް ޞާލިޙު ޙަވާލުކުރައްވާފައިވަނީވެސް މ. ކޮޅުފުށްޓަށް އުފަން ބޭފުޅަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ހޯމް މިނިސްޓަރު އިމްރާންކަމަށެވެ. އިމްރާނަށް ތަޢުރީފުކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ހޯމް މިނިސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އެމަނިކުފާނު ގެނެސްދެއްވިކަމަށާއި، 2013 އިން 2018އަށް ބަލާލާއިރު ރާއްޖޭގައި ހުރި މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވާފައި އޮތް މިންވަރު ކޮންމެ މީހަކަށްވެސް އެނގޭނެކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދައުރުގައިވެސް ރައީސް ޞާލިޙުގެ އަމާޒަކީ އުފާވެރި އަމާން މުޖްތަމައެއް ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ މި ދަތުރުފުޅުގައި ކޮޅުފުށީގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ބައެއް ކަންތައްތަކުގެ ތެރޭގައި އެރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އިތުރު 50 ހައުސިންގ ޔުނިޓު ޤާއިމުކުރުމާއި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދިނުން ހިމެނެއެވެ.
ކޮޅުފުއްޓަށް ވަޑައިގެން 2 މަޝްރޫއެއް ރައީސް ޞާލިޙް ނިންމަވައިދެއްވިއެވެ. އޭގެ ތެރޭގައި އެ ރަށު ސްކޫލުގެ 8 ކްލާސްރޫމް ހެދުމުގެ މަސައްކަތާއި މަލްޓި ޕާޕޮސް ހޯލްގެ މަޝްރޫއު ހިމެނެއެވެ. އެ ރަށުގައި ފެނުގެ ނިޒާމް ޤާއިމުކޮށް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ފުރަތަމަ ފޭސް ނިމިއްޖެކަމަށާއި ދެން ހުރި މަޝްރޫޢުތައް ކުރިއަށް އޮތް ތަނުގައި ނިންމައި މުޅި ރަށް ހިމާޔަތްކޮށްދޭނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.