ސިފައިންގެ ވީއައިޕީގައި ޝިޔާމްގެ ބައްޕަ ބެހެއްޓި މައްސަލަ އަލުން ބަލަނީ
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނިންމި ނިންމުން އަލުން ބަލައިދިނުމަށް ޕީޖީން އެދުމުން އެމައްސަލަ އަލުން ހުޅުވައި ތަހުގީގު ފަށައިފިއެވެ.
އޭސީސީން ބުނީ ޕީޖީގެ އޮފީހުން އެ މައްސަލައިގެ ތަފްސީލު ބޭނުން ވާތީ އާއި މައްސަލަ އަލުން ބަލައި ދިނުމަށް އެދުމުން މައްސަލަ އަލުން ރިވިއުކޮށް އޭސީސީން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ތަހުގީގު ފަށާފައިވާ ކަމަށެވެ. ރިޕޯޓްގައި ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް އޭސީސީން ނިންމި ނަމަވެސް މައްސަލަ އަލުން ބެލުމަށް ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން މީގެކުރިންވެސް ނިންމާފައިވާ ކަމަށް އޭސީސީގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީން ނިންމި ނިންމުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އާންމު ފަރާތަކުން ވަނީ އެ މައްސަލަ ފުލުހުންނަށް ވަނީ މައްސަލައެއް ވެސް ހުށަހަޅާފައެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ބުނީ، ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ވީއައިޕީ ފެސިލިޓީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަމިއްލަ މަންފާއަށް ޝިޔާމް ބޭނުން ކުރެއްވި ކަމަށެވެ. ޝިޔާމްގެ ބައްޕަ ބަލިވެ އުޅުއްވާތީ، އޭނާ އެތަނުގައި އެއް އަހަރާއި ހަ މަސް ވަންދެން ބޭއްވިއިރު، އެކި ޚިދުމަތްތައް ދެމުން އައީ ސިފައިން ލައްވައި ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ހުށަހެޅި މިސިޓީގައި ބުނެފައިވެއެވެ.
އަދި މިފުރުސަތަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ނެތް ނަމަ ޝިޔާމަށް ލިބޭނެ ފުރުސަތެއް ނޫން ކަމަށް ސިޓީގައިވެއެވެ. އަދި ވީއައިޕީ ފެސިލިޓީ ބޭނުން ކުރަމުން ދިޔައީ އެތަން ބޭނުން ކުރާނެ ގޮތުގެ އުސޫލެއް ވެސް އެކަށައަޅާފައި ނުވަނީސް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އޭސީސީން މައްސަލަ ބަލައި ނިންމުމަށް ފަހު، އާންމު ކުރި ރިޕޯޓުގައި ވަނީ ޝިޔާމްގެ ބައްޕަ ހުންނެވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިމާރާތް ހުންނަ ގޯތީގައިވާ ވީއައިޕީ ގޭގައި ކަމަށެވެ. އެ ކޮމިޝަނުން ބުނީ، އެ މައްސަަލަ ތަހުގީގުކޮށް ބެލިއިރު، ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭކަން ލިބިފައިވާ ލިއެކިޔުންތަކުން އެނގޭ ކަމަށެވެ.