ޚަބަރު

ކޮރަޕްޝަން ހިންގި މީހުންނަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްްސަލައެއް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް19އާ ގުޅޭ ކަންކަމުގައި ކޮރަޕްޝަން ހިންގި މީހުންނަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

Ads by Hajj Corporation

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެވެ. މި މައްސަލަ ބަލައިގަތުމަށް 21 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ބުނީ ކޮވިޑާއި ގުޅިގެން ރައްޔިތުން ހާލުގައި ޖެހިފައިވަނިކޮށް ދައުލަތުގެ ސިއްހީ ވުޒާރާ އާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި، އޮޑިޓް ރިޕޯޓުތަކުން ބޮޑެތި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް އިތުރުވެފައިވާ ކަމަށެވެ.

ކޮވިޑްގެ ކަންކަން އިންތިޒާމު ކުރުމަށް ބޭނުންވާ ވެންޓިލޭޓަރާއި މާސްކު ފަދަ ތަކެތި ހޯދުމުގެ ނަމުގައި ސަރުކާރުގެ ވުޒާރާތަކުން ހިންގާފައިވާ އެތައް މިލިއަން ރުފިޔާގެ ހިޔާނާތާއި، މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކާއި ބޮޑެތި އަދަދުތަކުން މާލީ ވުޒާރާއިން ފައިސާ ދޫކުރަމުންދިޔައިރު އެ މުއާމަލާތް ކުރަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަން ސަރުކާރުގެ ވުޒާރާތަކުން ބަލާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ކޮވިޑް-19 ގެ ތެރޭ ކޮރަޕްޝަން ހިންގި ގިނަ ފަރާތްތަކަށް ދެވަނަ ފަހަރަށް އެފަދަ އަމަލެއް ނުހިންގޭނެ ގޮތަށް ހަދައި، ފިޔަވަޅު އެޅުން އަވަސްކޮށް، ކޮރަޕްޝަން ހުއްޓުވުމަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅު އެޅުމަށް ސަރުކާރަށް މި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!