ޚަބަރު އިޖުތިމާޢީ

އެކްސިޑެންޓްވުމުން ހަފީޒް ހޮސްޕިޓަލަށް ގެންދިޔުމަށް އެހީތެރިވި މީހުން ހޯދަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު  ފަތިހު، މާލެ، މަޖީދީމަގު، ގަލޮޅު ދަނޑު ސަރަހައްދުން އެކްސިޑެންޓްވީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒް ހޮސްޕިޓަލަށް ގެންދިޔުމަށް އެހީތެރިވި މީހުން ހޯދުމަށް ފުލުހުން މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ފުލުހުން ބުނީ މި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް، އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ބޭނުންވާކަމަށާއި އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދޭކަމަށެވެ.

އަލީ ހަފީޒް ހުންނެވީ ގައުމީ ޔުނިވަސިޓީގެ ސީނިއަރ ލެކްޗަރަރގެ މަގާމުގައެވެ. ކިޔަވައިދެއްވުމުގައި 18 އަހަރު ހޭދަކުރައްވާފައިވާ ހަފީޒް އެކްސިޑެންޓުވެފައިވަނީ ހީނާމާގޭ ޕާކިންގ ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދުން ނިމިވަޑައިގެން ނުކުންނެވިތަނާއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި ސައިކަލު ދުއްވާފައި އައީ ވަރަށް ބާރަށެވެ. އަދި ހަފީޒުގެ ގައިގައި ސައިކަލު ޖެހުމުން އޭނާ ވަރަށް ދުރަށް ވިއްސައިގެން ދިޔަކަމަށް ބުނެފައިވެއެވެ.

މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އުމުރުން 22 އަހަރުގެ މި މީހާ އަތުގައި ލައިސަންސް ނޯންނަކަމަށް ފުލުހުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!