ތުރާކުނަކީވެސް ކުރީގެ ސަރުކާރުތަކުން މާބޮޑު އަޅާލުމެއް ދިން ރަށެއް ނޫން: ރައީސް ޞާލިޙު
ހއ.ތުރާކަނަކީވެސް ކުރީގެ ސަރުކާރުތަކުން މާ ބޮޑު އަޅާލުމެއް ދިން ރަށެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރެއިން ހއ.އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ހއ. ތުރާކަނުގެ އެމްޑީޕީ މެމްބަރުންނާއި ރައީސް ޞާލިޙަށް ތާއީދުކުރައްވާ ބޭފުޅުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވިދާޅުވީ ތުރާކުނަކީ އާބާދީ ކުޑަ، އަދި އެހެން ރަށްތަކާއި ތަންކޮޅެއް އެކަހެރިކޮށް އޮތް ރަށެއްކަމަށެވެ.
އަދި އެގޮތަށް އެކަހެރިކޮށް އޮތުމުގެ ނަތީޖާއަކަށްވީ އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނުކުރެވި ހުރުންކަމަށާއި އެރަށަށް ތަރައްޤީގެ އެއްވެސް މަޝްރޫއެއް މީގެ ކުރިން ހިންގިކަމުގައިވާނަމަ، އެކަމެއް ކޮށްފައިވަނީ ކޮންމެވެސް އަމިއްލަ މީހެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
ސަރުކާރަކުން މާބޮޑު އަޅާލުމެއް އެރަށާ ދޭތެރޭ ނެތްކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ނަމަވެސް 2018 ވަނަ އަހަރު އެމަނިކުފާނާއި އެމްޑީޕީން "ޖަޒީރާ ރާއްޖެ" ގެ ސިޔާސަތާ އެކު މަސައްކަތްކުން ފެށީ އާބާދީއަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށްވެސް އަސާސީ ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން، ތުރާކަނުގައިވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޢަމަލީ މަސައްކަތް މި ސަރުކާރުން ފަށާފައިވާނެކަމަށާއި، އޭގެ ތެރޭގައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގި މަޝްރޫޢުއެއް ކަމަށްވާ، ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތުރާކުނުގެ ރައްޔިތުންނަށްވެސް އެރަށުން ލިބެން ނެތް ޚިދުމަތްތައް ހޯދަން ކައިރި އެހެން ރަށްތަކަށް މިހާރު ދަތުރުކުރެވޭނެ އިންތިޒާމް އާރްޓީއެލްގެ ޒަރީޢާއިން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވީ އެއީ ތުރާކުނު ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ތަން ލުއިވެގެންދާނެ ކަމެއް ކަމަށެވެ.
ރައީސް ޞާލިޙު މިއަދު ތުރާކުނަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު "އުތުރުވެހި" ކުޑަކުދިންގެ ޕާކާއި ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވިއެވެ.