ރިޔާސީ އިންތިޚާބު 2023: އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް ހުޅުވައިލައިފި
ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން(އީސީ)އިން ހުޅުވައިލައްވައިފިއެވެ.
އެ ކޮމިޝަނުން، މި ފުރުސަތު ހުޅުވައިލައްވައިފައި ވަނީ އިއްޔެއިން ފެށިގެން އަންނަ އޯގަސްޓު މަހުގެ 13، ވަނަ ދުވަހުގެ ނިޔަލަށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި, އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ އިތުރު ޝަރުތުތަކަކީ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓީއެއްގައި ހިމެނޭ މީހަކަށް ނުވުމާއި، އިންތިޚާބާއި ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ނުވުމާއި، އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, ޢަމަލުކުރަން އިޤްރާރުވާ މީހަކަށް ވުމާއި، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަރައިފައިވާ މީހަކަށް ނުވުމެވެ.
މޮނިޓަރުންނަށް ވެވެނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ނޫސް އަދި މަޖައްލާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގްވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން, އެކަމަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު އީސީއަށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވައިލައިފައެވެ.