ޤައުމީ މަޖިލީހުގެ 50 އިންސައްތަ ތާއީދާއެކު ޕާޓީއާއި ގުޅުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން: ރައީސް ޞާލިޙް
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 50 އިންސައްތަ ތާއީދާއެކު އެ ޕާޓީއާއި ގުޅުމަކީ އެމްޑީޕީން ދަންނަ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީއަށް މީހުން ވަނުމުގައި އެ ޕާޓީގެ އަސާސީ ޤަވާއިދުތަކާއި ހަމަތަކެއް އޮންނަ ކަމަށާއި ކޮންމެހެން ޤައުމީ މަޖިލީހުގެ 50 ޕަސެންޓު ހޯދައިގެން ވަކި މީހަކު ޕާޓީއަށް ވެއްދުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫންކަމަށެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތުމަށްޓަކައި އެކަމަށް އެދި ހުށަހަޅާފައިވާތީ އެކަމާއި ގުޅިގެން ރައީސް ޞާލިޙުގެ ވިސްނުންފުޅު ހުރި ގޮތެއް ބެއްލެވުމަށްޓަކައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
"އެމްޑީޕީއަށް މީހުން ވަނުމުގައި އެމްޑީޕީގެ އަސާސީ ޤަވާއިދުގައި އެބައޮތް ހަމަތަކެއް، ކޮންމެހެން ޤައުމީ މަޖިލީހުގެ 50 ޕަސެންޓު ހޯދައިގެން ވަކި މީހަކު ޕާޓީއަށް ވެއްދުމަކީ އެމްޑީޕީ ދަންނަ ކަމެއްނޫން. އަދި ވަންނަން އެދޭ މީހާއަކީ ޕާޓީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ޕާޓީއަށް ބަލައިގަންނަ މީހެއްތޯ ނިންމާނެ ހަމަތައްވެސް ޕާޓީގެ އެތެރޭގައި އެބައޮތް ހަމަޖެހިފައި" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެހެންވީމާ އެމްޑީޕީގެ ތެރޭގައި އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކޮންމެ މީހަކަށްވެސް އެޕާޓީއަށް ވަނުމަށް އެދިވަޑައިގެންނެވޭނެ ކަމަށާއި އެ ނިންމުން ނިންމާނީ އެމަނިކުފާނު ނޫންކަމަށާއި އެކަމުގައި ވަކި ގޮތެއް ނިންމާނީ ޕާޓީގެ އެތެރޭގައި އެ އޮންނަ ހަމަ ތަކުގެ ތެރެއިންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ނަޝީދުއާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން އެމްޑީޕީއާއި ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް ޕާޓީގެ ނަމުގައި އެހެން ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައިވެއެވެ. އެގޮތުން އެ ޕާޓީން ނެރުނު ރިޔާސީ ކެންޑިޑޭޓު ކަމުގައިވާ އިލްޔާސް ލަބީބަށް އިންތިޚާބުން ލިބިވަޑައިގަތީ 3 ވަނަ އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާއެކު މަސައްކަތްކުރުމަށް އެދި ހުށަހަޅާފައެވެ. ނަމަވެސް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ކަންކަމަށް އެދެވޭ ޖަވާބެއް ލިބިފައިނުވާތީ އެއްވެސް ޕާޓީއަކާއެކު އިންތިޚާބުގެ ދެވަނަ ބުރުގައި މަސައްކަތް ނުކުރުމަށް ޑިމޮކްރެޓްސްއިން ވަނީ ނިންމާފައެވެ.