ދައުރު ނިމެންދެން މިހާރު އޮތް ކޯލިޝަން ދަމަހައްޓާަން: ރައީސް
މި ދައުރު ނިމެންދެން, 2018 ވަނަ އަހަރު އެމްޑީޕީން ހެދި ކޯލިޝަން ދަމަހައްޓާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ހއ. މާރަންދުއަށް ވަޑައިގެން، އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ, ފުރަތަމަ ދައުރުގެ ވެރިކަން ލިބިވަޑައިގެންނެވީ، ކޯލިޝަން ސަރުކާރެއްގައި ކަމުން، މި ދައުރު ނިމެންދެން އެ ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ.
"ނޮވެމްބަރު މަހާ ހަމައަށް, މި ދައުރު ނިމި, އަނެއް ދައުރު ފެށެން ވަންދެން އެ ކޯލިޝަން ދަމަހައްޓާނަން. ނަމަވެސް މި އިންތިހާބަށް ކުރިމަތިލާއިރު އެ ކޯލިޝަނުގެ ބައެއް ބޭފުޅުން ދުރަށް ޖެހިވަޑައިގަންނަވައިފި. މައްސަލައެއް ނޫން އެއީކީ," ރައީސް ވިދާޅުވިއެވެ.
2018 ވަނަ އަހަރުގައި އެމްޑީޕީއާއިއެކު ކޯލިޝަން ހެދީ ޖޭޕީ އާއި، އަދާލަތު ޕާޓީ އާއި އެމްއާރްއެމްއެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާއި އެކު ނުކުންނަން، އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއިން ވަނީ ނިންމައިފައެވެ.