ރިޕޯޓް

ގޯސްކޮށް އަމަލު ކުރީ ފުލުހުންތަ؟ ނޫނީ ނޫސްވެރިންތަ؟

  • ފުލުހުން ވަނީ ދެ ނޫސްވެރިޔަކު ކޮއްޕައި ވައްޓާލާފައި
  • ނޫސްވެރިން ކޮއްޕަން ފެށީ އިހުތިޖާޖުގެ ބައިވެރިން ދުރަށް ޖެއްސުމުގެ ކުރިން
  • މިމައްސަލަ ބަލަމުން ދާކަމަށް ފުލުހުން ބުނޭ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފުލުހުން ނޫސްވެރިން ކޮއްޕައި ވައްޓާލާފައި

އިއްޔެ މީޑިއާތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދީ އިދިކޮޅު ކޯލިޝަންގެ އިސް ވެރިންތަކެއް ޖުމްހޫރީ މައިދާނަށް ވަޑައިގެން މުޒާހަރާ ކުރި ހަބަރެވެ. އެއަށްވުރެއް ހޫނުވީ އެސަރަހައްދުގައި ތިބި ފުލުހުން، ނޫސްވެރިންތަކެއް ކޮއްޕާލައި އެމީހުން ބިންމައްޗަށް ވައްޓައިލި ހާދިސާ އެވެ.

Ads by STELCO

ވީ ކިހިނެއް؟

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ޖުމްހޫރީ މައިދާނަށް އެއްވެ ހިމޭން އިހުތިޖާޖެއް ކުރަން ފެށީ އިއްޔެ ހަވީރެވެ. އެބޭފުޅުން އެތަނުގައި އިށީންދެ ތިއްބަވައި މީޑިއާތަކާއި ވާހަކަ ދައްކަވަމުން ގެންދިޔަ އެވެ. އޭރު އެތަނުގައި ރާއްޖޭގެ ހުރިހާ މީޑީއާއެއްގެ ނޫސްވެރިންނާއި ކެމެރާމަނުން ހަރަކާތްތެރިވި އެވެ.

އިހުތިޖާޖުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އައި ފުލުހުން އިދިކޮޅު ބޭފުޅުންނާއި ވާހަކަ ދައްކައި އިހުތިޖާޖު އެހެން ސަރަހައްދެއްގައި ކުރިއަށް ގެންދަން އެދުނުކަމަށް ވެއެވެ. އެހެންނަމަވެސް އެކަމަށް އެބޭފުޅުން ސަމާލުކަން ނުދެއްވައި މީޑިއާތަކާއި ވާހަކަ ދައްކަވަމުން ގެންދެވި އެވެ.

ދެން ފުލުހުން މަސައްކަތް ކުރީ އެސަރަހައްދުގައި ތިބި ނޫސްވެރިން ދުރަށް ޖައްސާށެވެ. އެގޮތުން ޗެނަލް 13 ގެ ކެމެރާމަން މިސްބާހު ކައިރީގައި އެތަނުން ދިޔުމަށް ފުލުހުން އެދުނެވެ. ދެން ފެނުނީ މިސްބާހުގެ ގައިގައި ހިފައި ފުލުހުން އޭނާ ކޮއްޕައިލާ ތަނެވެ. އެއާއެކު މިސްބާހުއާއި ޖެހިގެން ހުރި ސަންގު ޓީވީގެ ނޫސްވެރިޔާ މާހަތު ހުސައިންގެ ގައިގައި ޖެހެ އެވެ. ދެމީހުން އެކީގައި ކޮއްޕަމުން ގޮސް ބިންމައްޗަށް ވައްޓައިލަ އެވެ.

މާހަތުއާއި މިސްބާހު ބިންމައްޗަށް ވެއްޓެނީ ފުލުހުން ފަޔަށް އަރައިގެން ތަދުވާތީ އެތަނަށް ވެއްޓިފައި އޮތް އަންހެނެއްގެ ގަޔަށް އެރިފަ އެވެ. މާހަތުއާއި މިސްބާހު ވެއްޓުމުން އެސަރަހައްދުގައި ތިބި ހުރިހާ ނޫސްވެރިންނާ ކެމެރާމަނުން އެއްވެ އެމަންޒަރުތައް ވީޑިއޯކޮށް ފޮޓޯ ނަގަ އެވެ.

ނޫސްވެރިން ދުރަށް ޖައްސަން މަސައްކަތް ކުރުމަށްފަހު ފުލުހުން ދެން މަސައްކަތް ފެށީ އިދިކޮޅުގެ އިސް ބޭފުޅުން އެތަނުން ދުރަށް ޖައްސާށެވެ. އެހެންނަމަވެސް އެކަމަށް އިންކާރު ކުރުމުން އިހުތިޖާޖުގެ ބައިވެރިން ހައްޔަރު ކުރި އެވެ.

އިދިކޮޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރަނީ

އިދިކޮޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރަނީ

މައްސަލައަކަށް ވީ ކީއްވެ؟

ޖުމްހޫރީ މައިދާނަކީ ގްރީން ޒޯން އެކެވެ. މާނައަކީ އެސަރަހައްދުގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ. މުޒާހަރާ ނުވަތަ އިހުތިޖާޖު ކުރަން ގޮސް ތިބީ އިދިކޮޅު ބައިވެރިންނެވެ. ނޫސްވެރިން އެތަނަށް ދިޔައީ އެ އިހުތިޖާޖު ކަވާ ކުރާށެވެ.

މިހާދިސާގައި ގޯސްވަނީ އިހުތިޖާޖުގެ ބައިވެރިން ދުރަށް ޖެއްސުމުގެ ކުރިން ނޫސްވެރިން ފައްސަން ފުލުހުން މަސައްކަތް ކުރުމެވެ. އަނެއްކޮޅުން ފުލުހުން ކަން ކުރި ގޮތުން ހާލަތާއި ނުބައްދަލެވެ. އެތަނުން އިދިކޮޅުގެ ބޭފުޅުން ދުރަށް ޖެއްސިނަމަ އެއްވެސް ނޫސްވެރިޔަކު އަދި ކެމެރާމަނަކުވެސް އެތަނުގައި ނުހުންނާނެ އެވެ. އެހެންކަމުން ނޫސްވެރިން އެތަނުގައި ކުރަމުން ދިޔައީ ގާނޫނާއި ހިލާފު އަމަލަކަށް ނުވެ އެވެ.

ދިވެހި ފުލުހުންނަކީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމުގެ ދިގު ތާރީހެއް އޮތް މުއައްސަސާ އެކެވެ. ހާއްސަކޮށް މުޒާހަރާތައް ރޫޅައިލުމުގައި ފުލުހުންގެ ވަކިވަކި އޮފިޝަލުން ބައެއް ފަހަރު މާ ރުޅި ގަދަވެ ކަން ކުރަން ނުވާ ގޮތަށް ކަންކަން ކުރެވެ އެވެ. ވަކިވަކި ފުލުހުންގެ މިފަދަ މައްސަލަތައް ބަލަމުންވެސް ގޮސްފައިވެ އެވެ.

ފާޑުކިޔުން އަމާޒުވުން

ސޯޝަލް މީޑިއާގައި އިއްޔެގެ ވީޑިއޯތައް ވަނީ ވައިރަލްވެފަ އެވެ. ކަން ހިނގައިދިޔަ ގޮތް އެންމެންނަށްވެސް ފެނުނެވެ. ފުލުހުން ކަން ކުރި ގޮތާއިމެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހުނެވެ. ފުލުހުން ދިފާއުކޮށް ވާހަކަ ދައްކަމުން ދިޔައީ ސަރުކާރަށް ތާއީދު ކުރާ މަދު އެކްޓިވިސްޓެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވަމުން ގެންދަވަ އެވެ. ފުރަތަމަ ދުވަސްވަރު ނޫސްވެރިންގެ ބައްދަލުވުންތައް ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން ދިޔަ އެވެ. އަދި މިއިން ކޮންމެ ބައްދަލުވުމަކަށްފަހު ނޫސްވެރިންނާއިއެކު ސެލްފީވެސް ނަންގަވަ އެވެ. ފަހުން ފަހުން އައިސް ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ ހަތަރު މަހުން ނުވަތަ ހަ މަހުން އެއްފަހަރެވެ.

ނޫސްވެރިންނާއި ގުޅިގެން ރައީސް ޞާލިހު އަބަދުވެސް ފާހަގަކުރައްވާ އެއް ކަމެއް އޮވެ އެވެ. އެއީ ނޫސްވެރިންނަށް ބޭނުން ވާހަކައެއް ލިޔެވޭނެ ކަމަށެވެ. މީޑިއާތަކަށް އޮތް މިނިވަންކަން މިސަރުކާރުން ތަން މިނަށް ހުޅުވާލާފައިވާ ކަމަށެވެ. އިއްޔެ ހިނގައިދިޔަ ހާދިސާ އާއި ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ މިއީ ނޫސްވެރިންގެ މިނިވަންކަމަށް އެޅުނު ވަރަށް ބޮޑު ހުރަހަކަށް ވުމުންނެވެ. ސަރުކާރަށް ފާޑުކިޔުން އަމާޒުވީ މިސަބަބަށްޓަކަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރި އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތަކަށް ބައެއް މީޑިއާތަކުން ނުވައްދާކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. މިކަން ތަކުރާރު ނުވާނެކަމަށް ވިދާޅުވެ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވި އެވެ. އެހެންނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނި އާރުޑީސީން ދާދި ފަހުން ވަނީ ދެ މީޑިއާ އަކާއި ދެކޮޅަށް ދައުވާ ކުރަން ތައްޔާރުވަމުން ދާކަން މިފަހުން ހާމަކޮށްފަ އެވެ. މިއީވެސް ނޫސްވެރިންނާއި ރައީސް ބާއްވަމުން އައި އޯގާތެރިކަމަށް ހިޔަނި އެޅުނު ކަމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

އިއްްޔެ ފުލުހުން ނޫސްވެރިންނާއިމެދު ކަން ކުރި ގޮތުގެ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ބުނެފަ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. އެހެންނަމަވެސް އެ ފުލުހުން އޮފިސަރު ސަސްޕެންޑު ކޮށްފައިވާކަން ވަނީ އެނގިފަ އެވެ. އޭނާ ސަސްޕެންޑު ކުރި މުއްދަތު ހާމަނުކުރި ނަމަވެސް މިއީ ތަހުގީގު ނިމެންދެން ވަގުތީ ސަސްޕެންޝަނެއްކަމަށް މައުލޫމާތު ލިބެ އެވެ.

ވަކިވަކި ފުލުހުންނާއިމެދު ބެލޭ މިފަދަ މައްސަލަތަކާއިމެދު މީގެ ކުރިން ބައެއް ފަހަރު ފިޔަވަޅު އަޅާފައިވެސް އެބަ ހުއްޓެވެ. އެހެންނަމަވެސް ގިނަ ފަހަރު މިފަދަ މައްސަލަތައް ދޯދިޔާކޮށް ދޫކޮށްލަނީ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!