ޚަބަރު ސިޔާސީ

ޑިމޮކްރެޓްްސްގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ވަގުތުވެސް މެމްބަރަކަށްވެ ވޯޓުލެވޭނެ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދަ ޑިމޮކްރެޓްްސްގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތުވެސް ޕާޓީގެ މެމްބަރަކަށްވެ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ އިންތިގާލީ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ މިހާރުވެސް ޕާޓީގެ ދަފްތަރުގައި 4100 މީހުން އެބަތިބި ކަމަށެވެ.

"ވޯޓުލާ ދުވަހު ވޯޓުލަމުން ދަނިކޮށް ވެސް ޕާޓީގެ މެންބާޝިޕަށް ވަންނަން ބޭނުންވާ މީހުނަށް އެ ފުރުސަތު ދެވޭނެ، އަދި އެ ކަމަށް ކެމްޕޭން ވެސް ކުރެވޭނެ" ހަސަން ލަތީފު ވިދާޅުވި އެވެ.

ޑިމޮކްރެސްޓްސް އިން ވަނީ އެޕާޓީގެ މެންބަރުން ހިމެނޭ ކޮންމެ ރަށެއްްގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައެވެ. އަދި ދުނިޔޭގެ ކޮންމެތާކު ހުރެގެން ވެސް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ ވޯޓުލާން ބޭނުން ފަރާތަކަށް ވޯޓު ލުމުގެ ފުރުސަތު ފަހިކޮށްދީފައި ވާނެ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ބޭނުމަކީ ވީހާވެސް ގިނަ މެންބަރުން ބައިވެރިކޮށް ވީހާވެސް ގިނަ ވޯޓު ހޯދުން ކަމަށެވެ. އަދި ޑަބަލް ވޯޓިން އެއް ނުހިނގާނެކަން ޔަގީން ކުރެވޭ ވަރަށް އޮންލައިން ވޯޓިންގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމަށް ވަގުތު ހަމަވިއިރު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ.

ޑިމޮކްރޭޓްސްގެ އަސާސީ ޤަވާއިދު ބުނާގޮތުން ޕްރައިމަރީއަށް އެއް ކެނޑިޑޭޓަކު ކުރިމަތި ލައިފިނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ. އެހެންކަމުން އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!