ރިޕޯޓް

މިނިވަން ދުވަހުގެ ތާރީޚުގެ ތެރެއަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު މުއާހަދާގައި ސޮއި ކުރަނީ

ރާއްޖެއަކީ ފުރިހަމަ މިނިވަން ޤައުމެކެވެ. އެހެންނަމަވެސް ދެ ފަހަރެއްގެ މަތިން ދިވެހީންގެ އަތުން މިނިވަންކަން ގެއްލިގެން ދިޔައެވެ. އެންމެ ފުރަތަމަ މިނިވަންކަން ގެއްލުނީ ޕޯޗުގީޒުންގެ އަތް މައްޗަށެވެ. އެއީ މީލާދީ ގޮތުން 1558 ވަނަ އަހަރެވެ. އޭގެ ފަހުން ދިވެހިންނަށް މިނިވަންކަން ލިބުނީ 1573 ވަނަ އަހަރެވެ. އޭގެ ފަހުން ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފިއެވެ. އެހެންނަމަވެސް އެފަހަރު ތިން މަހާއި ވިހި ދުވަހަށްވުރެއް ގިނަ ދުވަހު ރާއްޖެ އަތުލައިގެން އެމީހުންނަކަށް ނޯވެވުނެވެ.

Ads by STELCO

މިނިވަން ދުވަހުގެ ގޮތުގައި ދިވެހީން ފާހަގަކުރަނީ 1887 ވަނަ އަހަރު އިނގިރޭސީން ދިވެހިރާއްޖެއަށް ސިޔާސީ ބާރުވެރިކަން ފޯރުވި ހާދިސާ އާއި ގުޅިގެންނެވެ. އޭރު އިނގިރޭސީން އޮތީ ރާއްޖެ ހިފައިފައެކޭ ދެންނެވޭކަށްވެސް ނެތެވެ. އެހެންނަމަވެސް ކޮންމެވެސް މާނައެއްގައި ރާއްޖެއަށް މިނިވަންކަން ލިބުމަށް އިނގިރޭސީން ހުރަސް އަޅަމުން ދިޔައެވެ.

1887 ވަނަ އަހަރުގެ ޑިސެމްބަރ މަހު އައްސުލްތާން މުހައްމަދު މުއީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން އާއި ދެމެދު ކުރެވުނު މުއާހަދާއެއްގެ ދަށުން ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިޔައެވެ. އެ މުއާހަދާގައި ވާގޮތުން ރާއްޖޭގެ ޚާރިޖީ ހުރިހާ ކަމެއް ހިންގަން ޖެހޭނީ އިނގިރޭސި ސަރުކާރުން އެއްބަސްވާ ގޮތަކަށެވެ. އަދި ރާއްޖޭގެ ރަސްކަމުގެ ތަހުތަށް އިސްވާ ކޮންމެ މީހަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބޭ މީހަކަށް ވާން ޖެހެއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު އެއްފަހަރު ރާއްޖެއިން އިނގިރޭސީންނަށް ޖިޒީ ފޮނުވަންވެސް އެއްބަސްވިއެވެ.

އެ މުއާހަދާގައި ސޮއި ކުރެވުނުތާ ކުރީކޮޅު ދެފަރާތުންވެސް ގެންދިޔައީ އެއަށް އަމަލު ކުރަމުންނެވެ. އެހެންނަމަވެސް އަހަރުތަކެއް ފަހުން އިނގިރޭސީން މަޑުމަޑުން މުއާހަދާއާއި ހިލާފުވާން ފެށިއެވެ. އެގޮތުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިނގިރޭސި ދައުލަތުން ވަންނަމުން ދިޔައެވެ.

1903 ވަނަ އަހަރު އައްސުލްތާނު މުޙައްމަދު އިމާދުއްދީން (ހަވަނަ) ރަސްކަމުން އަޒުލުކޮށް އައްސުލްތާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ރަސްކަމަށް އިސްކުރި ހާދިސާގެ ތެރެއަށް އިނގިރޭސީން ވަދެ ފިޔަވަޅު އަޅާފައި ހުރިކަމަށް ތާރީޚު ހެކި ދެއެވެ.

އޭގެ ފަހުން 1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަ ރަމްޒީ ފީއަކަށް ސަތޭކަ އަހަރު ދުވަހުގެ މުއްދަތަކަށް އައްޑޫ އަތޮޅު ގަމާއި ހިތަދޫއިން 110 އޭކަރުގެ ބިން އިނގިރޭސީން ހިފިއެވެ.

މީގެ ސަބަބުން އިނގިރޭސި އާއިލާތައް އައްޑޫއަށް ހިޖުރަކޮށް ދިރިއުޅެން ފުރުސަތު ފަހިވިއެވެ.

އެދުވަސްވަރު ދެގައުމުގެ ދެމެދުގައި ވެފައިވާ މުއާހަދާ އަލުން އައު ކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވުނެވެ. އޭރު ދިވެހި ދައުލަތުން ދިޔައީ އައު މުއާހަދާގައި ރާއްޖޭގެ ސިޔާސީ ހައިސިއްޔަތު ކަނޑައެޅިގެން ބަޔާންވެ އެންގެން އޮންނަން ޖެހޭނެކަމަށް ބުނަމުންނެވެ. އަދި ރާއްޖެއަކީ އަމިއްލަ ވެރިކަމެއްގެ ބާރު ލިބިގެންވާ މިނިވަން ގައުމެއް ކަމުގައި އިނގިރޭސި ސަރުކާރުން ޤަބޫލު ކުރަންވެސް ރާއްޖެއިން ހުށަހެޅިއެވެ.

އެހެންނަމަވެސް މިކަން ޤަބޫލުކުރަން އިނގިރޭސީން ދެކޮޅު ހެދިއެވެ. އެތައް ދުވަހަކަށް ދިގު ދެމިގެން ދިޔަ މަޝްވަރާތަކަށްފަހު 1960 ވަނަ އަހަރު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު އައު މުއާހަދާއެއްގައި ސޮއި ކުރެވުނެވެ. އެމުއާހަދާގެ ދަށުން ރާއްޖެއަކީ މިނިވަން ވެރިކަމެއް ކުރާ ޤައުމެއްގެ ގޮތުގައި ކަނޑައެޅިއެވެ.

އެހެންނަމަވެސް އިނގިރޭސި ދައުލަތް މެދުވެރިވެގެން ނޫނީ ބޭރުގެ އެއްވެސް ގައުމަކާއި ގުޅުން ނުއުފެއްދޭނެކަމަށް މުއާހަދާގައި ކަނޑައެޅިއެވެ.

ހަމަ އެ ދުވަސްވަރު ހުވަދޫ އައްޑޫ ގަޑުބަޑު ހިނގަމުން ދިޔައެވެ. އޭރު ހުވަދު އަތޮޅުން ދެކުނުގައި ވަކި ސަރުކާރެއް އުފައްދައިގެން އުޅުނު މީހުންނާއި އިނގިރޭސީންނާއި ދެމެދު ގާތް ގުޅުންތަކެއް އޮތެވެ. މިކަން ވެގެން ދިޔައީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދަން އުފެދުނު އާ ރޫހެެއްގެ ގޮތުގައެވެ.

ފަސް އަހަރު ފަހުން ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރެވެ. އެ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު އައު މުއާހަދާއެއްގައި ސޮއި ކުރިއެވެ. އޭގައި އިނގިރޭސީން ވަނީ ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤަބޫލު ކުރާކަމަށް އެއްބަސްވެފައެވެ. އަދި އެއްވެސް އެހެން ދައުލަތެއްގެ ރުހުމެއް ނެތިވެސް ބައިނަލްއަގުވާމީ ގުޅުންތައް އުފެއްދޭނެކަމަށް އެ މުއާހަދާގައި ކަނޑައެޅިއެވެ.

ރާއްޖެ ގަޑިން 10 ޖެހިއިރު ސިލޯނުގެ ކޮޅުނބުގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުގައި އައު މުއާހަދާގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއި ކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.

މިއަދަކީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 58 އަހަރު ފުރޭ ދުވަހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!