ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޖޯޝާއި ފޯރި އަންނަނީ ވާދަވެރިންގެ ހަރަކާތްތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ, ށ. މާއުނގޫދޫއަށް މިއަދު ކުރެއްވި ކެންޕެއިން ދަތުރުފުޅުގައި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، މާއުނގޫދޫ އަކީ ސިޔާސީ ރަށެއްކަން އެ ރަށަށް ވަޑައިގަތުމުން އެނގުނުކަމަށާއި ތަފާތު ހުރިހާ ކުލައެއް އެ ރަށުން ފެންނަމުންދާ ކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އާންމުކޮށް ފެންނަނީ އެމްޑީޕީ އާއި އެ ޕާޓީއާ ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ކުލަ ކަމަށާއި ދެން ވަރަށް މަދުން އިދިކޮޅު ޕީޕީއެމްގެ ފިޔާތޮށި ކުލަ ފެންނަ ކަމަށެވެ.
"ތަފާތު ހުރި ކުލައެއް މި ރަށުން އެބަ ފެނޭ، ފެހި ކުލަ [އަދާލަތު ޕާޓީ]، ރީނދޫ ކުލަ [އެމްޑީޕީ]، އޮރެންޖު ކުލަ [އެމްޑީއޭ]، އަދި މަދުން ނަމަވެސް ބައެއް ރަށްރަށުން މިހާރު ފެންނަ ފިޔާތޮށި ކުލަ [ޕީޕީއެމް] ވެސް މި ރަށުން އެބަ ފެނޭ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
އަދި އެކަމާ ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާކަމަށާއި އިންތިޚާބާ ދިމާކޮށް އިންތިޚާބަށް ވާދަވެރިންގެ ވާދަވެރިކަން ފެނިގެންދާންވާނެކަމަށާއި މާއުނގޫދޫގެ ޕީޕީއެމްގެ ބޭފުޅުން ކުރައްވާ މަސައްކަތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން މަސައްކަތާއިގެން ކުރިއަށް ވަޑައިގަތުމަށާއި އެމްޑީޕީ އޮތީ އެ ފަރާތްތަކާއި ވާދަކުރަން ނިކުމެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް ޖޯޝާއި ފޯރި އަންނަނީވެސް، މީގެ ރޫހު އަންނަނީވެސް އެފަދަ ވާދަވެރި ހަރަކާތްތަކުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނުކުންނެވިއިރު ރާއްޖޭގެ ހާލަތުއޮތް ގޮތް ސިފަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން އެކި ސަރުކާރުތަކުން ވެރިކަން ކުރެއްވި ނަމަވެސް ރައްޔިތުން ބޭނުންވާ، ނުވަތަ ރައްޔިތުން އެދޭފަދަ ހަމަޖެހޭ ތަނަކަށް ރާއްޖެ ނުވާކަމަށެވެ. އަސާސީ އެއްވެސް ކަހަލަ ޚިދުމަތެއް އެ ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަމަށާއި، އެ ހުރިހާ ޚިދުމަތްތަކެއް ރައްޔިތުންނަށް މިހާރު ފޯރުކޮށްދެމުންދަނީ މި ސަރުކާރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.