ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބޭނެ ކަމުގެ 100 ޕަސެންޓް އެބަ އޮތް: އާދަމް ޝަރީފް
ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރައްވާ ބޭފުޅެއް ހޮވުމަށް މިއަދު ބާއްވާ ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ 100 އިންސައްތަ އެބައޮތް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރުމަށް މިއަދު ވަނީ ނިންމަފައެވެ. ކެނޑިޑޭޓަކު ނިންމުމަށް އެ ޕާޓީގެ ސެނެޓުން ނަގާ ވޯޓް, މިއަދު ހަވީރު 4 ޖަހާއިރު އޮންނާނެއެވެ.
މިއަދު މީޑިއާއަކާ ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ, ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރި ނަމަވެސް އަދިވެސް އުއްމީދަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ވުން ކަމަށެވެ. އަދި ޕީޕީއެމް-ޕީއެންސީ އެކަތި ގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑު މި އިންތިޚާބު ކާމިޔަބު ކުރާނަން, ކާމިޔާބު ނުކުރެވޭ ހާލަތެއްގައި ކާމިޔާބު ކުރާ ކެނޑިޑޭޓާއެކުގައި މަސައްކަތް ކުރާނަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ, މިއަދު މިފަދަ ފުރުސަތެއް ލިބިގެން ދިޔައީ ރައީސް ޔާމީން ގެންގުޅުއްވާ ޑިމޮކްރެޓިކް ސިޔާސަތުގެ ސަބަބުން ކަމަށާއި, އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ކެންޑިޑަސީ ހުށަހެޅުމުން އީސީން. ވަނީ ކެނޑިޑަސީ ފޯމް ބަލައިގަންނަން ދެކޮޅު ހަދާފައެވެ.
އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮތުމުން ކަމަށެވެ.
ހުކުމެއް ތަންފީޒް ކުރަމުންދާތީ, ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަންއިން ނިންމާފައިވެއެވެ.
ނާޒިމް ސަރއަކީ ޤައުމަށް ހިދުމަތްކުރުމުގެ ލާމަސީލު ނަމޫނާއެއް