ޚަބަރު ސިޔާސީ

ނާޒިމްގެ ރަނިން މޭޓަކީ ޑރ. އަދީލް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑރ. އަހުމަދު އަދީލް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސައިފި އެވެ.

Ads by MWSC

ޑރ. އަދީލް އަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ ރަނިންމޭޓުކަން އިއުލާން ކުރަން މިރޭ ރަސްމީ ޖަލްސާއެއް ބާއްވަން އެމްއެންޕީން ދަނީ ތައްޔާރުވަމުންނެވެ.

އަދީލް ވަނީ 2019 ގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް ވާދަ ކުރައްވައިފަ އެވެ. އެހެންނަމަވެސް އިންތިހާބުގައި 24 އިންސައްތަ ލިބިވަޑައިގެން އޭނާ ބަލިވި އެވެ. އެދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ނާޒިލް އެވެ. އަދީލް އެފަހަރު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.

އައްޑޫގެ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައިވާ އަދީލް ވަނީ މެނޭޖްމަންޓުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓުވެސް ނިސްބަތްވަނީ އައްޑޫ ސިޓީ އަށެވެ. ދަ ޑިމޮކްރެޓުން ހޮވާފައިވާ ރިޔާސީ ކެނޑިޑޭޓުވެސް ނިސްބަތްވަނީ އައްޑޫ ސިޓީ އަށެވެ.

އެމްއެންޕީގެ ޓިކެޓުގައި ނާޒިމް ނިކުންނަވާއިރު މިއީ އޭނާ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ޑިފެންސް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!