ޚަބަރު ސިޔާސީ

ރައީސް ޔާމީނުގެ ވިސްނުންފުޅު ބަދަލުކުރައްވައިފި. އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު މުއިއްޒުއަށް ފުރިހަމައަށް ތާއީދުކުރަން: ޑރ. ޖަމީލް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓުކުރުމާ ގުޅިގެން ޕްރޮގްރެސިވް ޕާޓީގެ ލީޑަރު ރައީސް ޔާމީނުގެ ވިސްނުންފުޅު ބަދަލުކުރައްވައިފިކަމަށާއި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީނުގެ ކެންޑިޑެސީ ފޯމު އީސީން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެމަނިކުފާނާއި ދެކޮޅަށް އެމައްސަލައިގައި ހުކުމް އިއްވާފައިވާއިރު، އެމަނިކުފާނާއި ރަނިންމޭޓު ޖަމީލަށް މި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި އިންތިހާބުގައި އިދިކޮޅު ތަމްސީލުކުރާނެ ކެންޑިޑޭޓަކަށް ޕީއެންސީގެ ފަރާތުން މުއިއްޒަށް ޓިކެޓް އަރުވާފައިވާއިރު، މިއަދު މިވަނީ މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށްވެސް ހުށަހަޅާފައެވެ.

މުއިއްޒުގެ ފޯމް އީސީއަށް ހުށަހެޅުމާއި ގުޅިގެން ޖަމީލް ވަނީ މުއިއްޒުއަށާއި އެބޭފުޅާގެ ރަނިން މޭޓު ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުއަށް މަރުޙަބާ ދަންނަވާފައެވެ.

އަދި ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި ޢާއްމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ސެނެޓުގެ ވިސްނުމާއި އެއްގޮތަށް ރައީސް ޔާމީން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، ޖަމީލުގެ ފުރިހަމަ ތާއީދު މުއިއްޒުއަށާއި މުހައްމަދު ލަތީފަށް ލިބިވަޑައިގަންނަވާނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!