ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އެދިއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގިކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ފަސްކުރަން ހައި ކޯޓުގައި އެދުނީ ރޭގަ އެވެ. މިއީ އެފަދަ އަމުރަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދުނު ދެވަނަ ފަހަރެވެ. ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅިއިރުވެސް އެފަދަ އަމުރަކަށް އެދުނެވެ. އެފަހަރު ހައި ކޯޓުން ނިންމީ އެއީ އިޖުރާއަތުގެ ތެރެއިން އެކަން އޮންނަ ގޮތް ނޫން ކަމަށެވެ.
އަނެއްކާވެސް ހުކުމް ތަންފީޒު ކުރުން ފަސްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައި މިވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވަން ކެނޑިޑެސީ ފޯމު ހުށަހެޅި ނަމަވެސް އެމަނިކުފާނުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. ކޮމިޝަންގެ އެ ނިންމުން ރަނގަޅުކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ނިންމައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭތީ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ނިކުންނަނީ ކުރީގެ ހައުސިންގް މިނިސްޓަރު އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ނިކުންނަވަނީ ޕީއެންސީގެ ޓިކެޓުގަ އެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އިދިކޮޅު ކޯލިޝަންގެ ސެނެޓުން ނިންމަން ރައީސް ޔާމީން އެދުނު ނަމަވެސް ފަހުން އެމަނިކުފާނުގެ އެނިންމުން ވަނީ ބަދަލު ކުރައްވައިފަ އެވެ. ރައީސް ޔާމީންގެ ފުރިހަމަ ތާއީދު ޑރ. މުއިއްޒުއަށް އޮތްކަން އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ފަހުން ވަނީ ހާމަކޮށްފަ އެވެ.
ކިހާތަނަކަށްތޯ ފަސްކުރަން ތިއުޅެނީ؟ އަދި އެއްފަހަރު ރޮއި ހޭރި އާދޭސްކޮށްގެން ވެރިކަމަށް އަރާ ގައުމު ބަނޑުއަޅާފަ ހުރިހާ ލީޑަރުން ޖަލައްލާފަ ދެން ތިމާ މަރުވި ދުވަހަކުން ކައްވަޅުގަތޯ ބަކީބައި ފުރިހަމަކުރަނީ.