ވާދަވެރިން އުޅުއްވަނީ ވެރިކަން ބޭނުންފުޅުވެގެން، ވެރިއަކަށް ހުރި މީހާ ބަދަލުކުރާކަށް ނޫން: ރައީސް ޞާލިޙު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއާ ވާދަކުރައްވާ ކެންޑިޑޭޓުން އެޅުއްވަނީ ވެރިކަން ބޭނުންފުޅުވެގެންކަމަށާއި، އެބޭފުޅުން އުޅުއްވަނީ ވެރިޔަކަށް ހުރި ބޭފުޅަކު ބަދަލުކުރައްވަން ނޫންކަމަށް ރައީސް ޞާލިޙު ވިދާޅުވެއްޖެއެވެ.
ގދ.ގައްދޫގައި ރޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަައް ވެރިކަން ކުރިއިރު އިންތިހާބުތަކާއި ދިމާކޮށް އަބަދުވެސް ވެރިޔަކަށް ހުންނަ މީހަކު ބަދަލުކުރަން މަސައްކަތްކުރިތަން ފެނިގެން ދިޔަކަމަށާއި މިއަަހަރު ފެންނަ މަންޒަރު ތަފާތުކަމަށެވެ.
އެގޮތުން ވެރިކަމުގައި ހުންނަ މީހަކު ބަދަލުކުރަން ބޭނުންވާނަމަ ދެން ތިބި އެންމެން ތިބޭނީ އެއްކޮޅަކަށް އަރައި އެ އެންމެން ކިޔާނީ އެކައްޗެއް ކަމަށާއި އެެނޫން ގޮތަކަށް އެކަން ނުކުރެވިދާނެތީ، "ރިސްކެއް" ނަގަން ބޭނުންނުވާތީ އެންމެން އެއްކޮޅަކަށް އަރައި އެކަން ބަދަލުކޮށްލާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"މިފަހަރު ތަފާތު. މިފަހަރު ވެރިކަމުގައި ތިބި މީހުން މިތިބީ ކޯލިޝަން ހަދައިގެން، ދެން މި އިންތިޚާބަށް ނިކުތް އެއްވެސް ބަޔަކާއެކު ބައިވެރިވާނެ މީހަކު ނުވި، ވަކި ވަކިން ނުކުމެވަޑައިގެން ތިއްބެވީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެހެންނަމަވެސް ސީރިއަސްކަމާއެކު އިންތިހާބަށް ނުކުމެވަޑައިގެން ބައެއް ބޭފުޅުން ތިއްބެވިކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެބޭފުޅުން ބޭނުންވަނީ ވެރިކަން ކަމަށެވެ.
ވެރިޔަކަށް ހުރި މީހާ ބަދަލުކުރަން ނޫންކަމަށެވެ. އަދި ވާދަކޮށްގެން ވެރިކަމަށް އާދެވޭތޯ އެބޭފުޅުން ބައްލަވާކަމަށާއި އެހެންވީމާ މި އިންތިހާބަކީ ތަފާތު އިންތިހާބެއް ކަމަށެވެ.
އެހެން އަހަރުތަކޭ އެއްގޮތަށް އެމްޑީޕީން މިފަހަރުވެސް މިއައީ މެނިފެސްޓޯއަކާއެކު ކަމަށާއި އެމްޑީޕީން މެނިފެސްޓޯއެއް އެކުލަވާލައްވާ އިރަށް އެހެން ސިޔާސީ ޕާޓީތަކުން އެކަން ނުވާނެޔޭ ވިދާޅުވާކަމަށާއި ނުވާނެޔޭ ވިދާޅުވުމަކީ އެބޭފުޅުންގެ މެނިފެސްޓޯކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
"މިފަހަރުވެސް އެމްޑީޕީގެ ވާދަވެރިންގެ މެނިފެސްޓޯއަކަށްވާނީ އެމްޑީޕީގެ މެނިފެސްޓޯގައި ބުނާކަންތައް ނުކުރެވޭނެޔޭ، ނުވާނެޔޭ ބުނުން" ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ގޮތެއް ނިންމާއިރު ދެ ސަރުކާރުގައި ހުރި ބައެއް ތަފާތުތަކަށް ވިސްނަވަން ރައީސް ޞާލިޙު އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނުވަނީ ބައެއް ތަފާތުތައް ފާހަގަކުރައްވާފައެވެ.
އެގޮތުން، ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދެއްވައި، ހާމަކަންބޮޑުގޮތެއްގައި ޖަވާބުދާރީވާ ސަރުކާރެއް ހިންގާނެކަމަށް ދެންނެވީމައި އިދިކޮޅުން އޭރުވެސް ވިދާޅުވީ އެކަންވެސް ނުކުރެވޭނެކަމަށާއި، އެހެންނަމަވެސް، މިއަދު އެތަފާތު ފެންނަން އެބައޮތްކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް ބެއްލެވި ނަމަވެސް، މި ސަރުކާރުގެ ވަޒީރުން މި ވޭތުވެދިޔަ 5 އަހަރު ތެރޭގައި 321 ފަހަރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެބޭފުޅުންނަށް، ލިޔުއްވާފައި ފޮނުވާ ސުވާލުގެ އިތުރަށް ކޮންމެ ސުވާލެއް ކުރެއްވިޔަސް، އެއަށް ޖަވާބުދެއްވާކަމަށާއި، ކުރީގެ ސަރުކާރުގައި ރައްޔިތުނެގެ މަޖިލީހަށް ވަޒީރުން ހާޒިރުވެފައިތީބީ އެންމެ 58 ފަހަރު ކަމަށެވެ. އަދި ތަފާތަކީ މިއީ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮއް އިންތިޚާބުގައި މި ވާދަކުރަނީ ހަމަ އެމްޑީޕީއާއި ޕީޕީއެމް. މިދެންނެވީ މި ދެ ސަރުކާރުގެ ހިންގުމުގައި ހުރި ތަފާތުތައް. އަޅުގަނޑުމެން ދެންނެވި ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރުކޮށް ނުހަދާނަމޭ. އެބޭފުޅުން އެކަންވެސް ގަބޫލެއްނުކުރެއްވި. އެއީ އެބޭފުޅުންގެ ސިޔާސަތުގައި ކަންކުރަމުން ދިޔަ ގޮތް" ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ސިޔާސީ އެއްވެސް ލީޑަރަކު ސިޔާސީ ބަންދެއްގައި ނުހުންނާނެ. އެންމެ ކޯޓެއްގައިވެސް ފުރާޅުގެ ޓިނެއް ނުނަގަން. އެންމެ ކޯޓެއްގެވެސް. ވެރިކަން ކުރެވިއްޖެ. ތިޔަބޭފުޅުން 9 ސެޕްޓެންބަރުގައި ނިކުމެ ވޯޓުލައްވާ އިރުގައި ވިސްނަންވީ މިކަންތައްތަކާ ދޭތެރޭގައި"
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައި އިރު ރާއްޖޭގެ ސިޔާސީ ލީޑަރުން ތިއްބެވި ހާލަތަށް ބަލާއިރު މިނިސްޓަރު އިމްރާން، ކާނަލް ނާޒިމް، އޮނަރަބަލް ގާސިމް އިބްރާހީމް، ރައީސް މުޙައްމަދު ނަޝީދު، ރައީސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން، އުއްތަމަ ފަނޑިޔާރާއި ބެންޗުގައި ހިމެނޭ އިތުރު ފަނޑީޔާރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން އެހެން ބޭފުޅުންވެސް ސިޔާސީ ބަންދުގައި ތިއްބެވިކަމަށާއި، މިއަދު 5 އަހަރުގެ ދައުރެއް މި ސަރުކާރުން ނިންމަނީ އެއިން އެއްވެސް ކަމެއް ނުކޮށް ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.