މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ބަދަލެއް ގެންނަވަން ވިސްނަވާކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ދިގެ ޕްލޭނެއް ތައްޔާރުކުރައްވައި އެމަގުން މަސައްކަތްކުރައްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕޭން ދަތުރުފުޅުތަކުގައި ގދ ފަރެސްމާތޮޑާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، ވޭތުވެދިޔަ ސަރުކާރުތަކުގައި މަސްވެރިންގެ އިންޑަސްޓްރީއަށް އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށާއި ކަމަކަށްފަހު ކަމެއް ކުރިމަތިވަމުންގޮސް، މިހާރު އެ އިންޑަސްޓްރީ އެއޮތީ އެއްފަހަރާ ހައްލުކުރަން ދަތިވާ ހިސާބުގައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެގޮތުން، ފެލިވަރު ފެކްޓްރީ ގާއިމުކުރިތާ 45 އަހަރުވެފައިވާއިރު އެތަން އަޕްގްރޭޑްކުރަން އެއްވެސް މަސައްކަތެއް ކުރެވިފައިނުވާއިރު، 50 މެޓްރިކްޓަނު ޓަނު ކިރޭ މަސް ފެކްޓްރީތައް، 15 މެޓްރިކް ޓަނު ކިރޭ މަސް ފެކްޓްރީއަށް ހަދަން އެޕްޑީޕީގެ ކުރީ ސަރުކާރުން މަސައްކުރި ކަމަށާއި މި ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މަސައްކަތްކުރަމުންކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 21 ކިލޯއަށް މަހުގެ އަގު ބޮޑުކުރިކަމަށާއި، މަސްވެރިންނަށް ދޭން 38 މިލިއަން ރުފިޔާ ނުދީ އޮތުމުން އެ ރުފިޔާ ދިނީވެސް މި ސަރުކާރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި މި ސަރުކާރަށްވެސް މަހުގެ އަގު ބޮޑުކުރެވިދާނެކަމަށާއި ނަމަވެސް، ބޭރަށް އެ މަސް ވިއްކަންޖެހެނީ ކުޑަ އަގުގައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސަރުކާރުން މަސްވެރިން ބާނާ މަސް ތާޒާކަމާއިއެކު، ބޮޑު އަގުގައި ގަންނަން ފަށަންޖެހޭކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ކަޅުބިލަ މަހުގެ މަސްވެރިކަން ޕްރައިވެޓް ސެކްޓަރ އަށް އެކަނި ދޫކޮށްލައިގެން ކުރި ނާރާނެކަމަށާއި، އެކަން ކުރުމަށް ސަރުކާރުން ވަސީލަތްތައް ފޯރުކޮށްދީ، ކަންކަން ފަހިކޮށްދޭންޖެހޭކަމަށެވެ.
މަސްވެރިން ބާނާ މަސް ގަނެވޭނެ ގޮތްތައް ހޯދަން ޖެހޭކަމަށާއި، އަމިއްލަ ފަރާތްތަކަށް މަސްގަނެ ބޭރުކުރުމަށް ފުރުސަތު ދޭންޖެހޭކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މަސްވެރިކަމަށް ގެންނަން މި ސަރުކާރުން ވިސްނާ ބަދަލުން، ފަތުރުވެރިކަމާއި އެއްވަރު ނުވި ނަމަވެސް ބޮޑު ސިނާއަތަކަށް މަސްވެރިކަން ވެގެންދާނެކަމަށާއި ކޮވިޑް 19 ގެ ވަބާގެ ތެރޭގައި ގައުމަށް ދިރުން ގެނެސްދެއްވީ މަސްވެރިކަންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ރާއްޖެއަށް މީގެ ކުރިން ދުވަހަކު މަސް ނުބާނާ ވަރަށް އެދުވަސްވަރު މަސް ބޭނިކަމަށެވެެ.
އެމްޑީޕީއިން މިއަހަަަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްތަކުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއިއެކު، ޝަކުވާތައް އަޑު އަހައިގެން އެކުލަވާލާފައިވާ މެނިފެސްޓޯއެއްކަމަށާއި މި ސަރުކާރުން ހުވަފެން ނުދައްކާނެކަމަށް ވިދާޅުވެފައެވެ.