އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ކޮންމެ ރައްޔިތަކަށް ރިވެތި އިސްލާމީ ދިރިއުޅުން އުނގަންނައިދޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރިވެތި އިސްލާމީ ދިރިއުޅުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ ރައްޔިތަކަށް އުންގަންނައި ދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން ދީނީ އިލްމުގެ ހަރުދަނާ ބިންގަލާއި އިސްލާމްދީނަށް ލޯބި އިތުރުކުރުމަށް ފިގުހު އިލްމީ އެކެޑެމީއެއް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅާނެ ކަމަށާއި ދީނީ އިލްމު ފެތުރުމަށް ހާއްސަކޮށް އަންހެން އިލްމުވެރިން ކުރިޔަށް އޮތް ފަސް އަހަރު ބިނާ ކުރާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ މަހާސިންތާއެއް ބާއްވާ، އެބޭފުޅުންގެ މަޝްވަރާއާ އެކު އެކަން ކުރެވޭނެ ގޮތް ހޯދާނެ ކަމަށާއި އިސްލާމީ ތަޢުލީމު އުނގަންނައިދޭ މަރުކަޒަކަށް ދިވެހިރާއްޖެ ހަދާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.