ކޮވިޑުގެ އާލަމީ ވަބާގައި ކުރިމަތިވި ދަތި އުދަނގޫ މަރުޙަލާތައް ރައީސް ޞާލިޙް ވިދާޅުވެދެއްވައިފި
ކޮވިޑުގެ އާލަމީ ވަބާގައި ކުރިމަތިވި ދަތި އުދަނގޫ މަރުޙަލާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެދެއްފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކަށް ރާއްޖެތެރެއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ނ އަތޮޅަށް ވަޑައިގެން އެ އަތޮޅު ހެނބަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވެރިކަމަށް އައުމަށްފަހުގައި މަސައްކަތްކުރަންވާނީ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭގޮތަށް ކަމަށާއި އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ އެގޮތަށްކަމަށެވެ.
އަދި މަޝްވަރާގެ ވާހަކަތައް ދައްކާއިރު ރައީސް ޞާލިޙަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ކަންކުރަން ޖެހުނު ވަގުތުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ދުވަސްވަރު ކަންތައްތައް ނިންމަމުން ދިޔައިރު އެންމެ ދަތި އުދަނގޫ މަރުހަލާއެއް ކުރިމަތިވީ ދީނާއި ބެހޭ ކަންތައްތައް ނިންމުމުގައި ކަމަށެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ވިދާޅުވީ، ލޮކްޑައުންއަށް ގޮސް އޮތްއިރުގައި މިސްކިތްތައް ބަންދުކުރަން ޖެހުނުއިރު ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލަން ޖެހުނުކަމަށާއި އެކަން ވެގެންދިޔައީ ވަރަށް ދަތި އުދަނގޫ ކަމަކަށް ކަމެވެ.
އަދި އެދުވަހު އެމަނިކުފާނު ނިންމެވީ ރާއްޖޭގައި ތިއްބެވި ދީނީ ހުރިހާ އިލްމުވެރިން އެއްކުރުންކަމަށާއި އެކަން ކުރުމަށް އިސްލާމިކް މިނިސްޓަރަށް އެމަނިކުފާނު ދެންނެވި ކަަމށެވެ.
"އެ މަޝްވަރާގައި ބައެއް ދުވަސް ދުވަހު ރޭގަނޑު 12 ޖަހަންދެން ގޮތް ނުނިންމްި ގޮސް އެބަހުރި. އަޅުގަނޑަށް މިނިސްޓާރު ގުޅާފައި ދެންނެވި އަދިވެސް ގޮތެއް ނުނިންމެޔޭ. ހިޔާލުތަފާތުވުންތައް ވަރަށް ބޮޑަށް އެބަހުއްޓޭ. އެއްބަޔަކު ވަކާލާތުކުރަމުން އެބަ ގެންދެޔޭ އެއްގޮތަކަށްވެސް އެކަން ނުކުރެވޭނެޔޭ. މިސްކިތްތައް ބަންދުކޮށްގެން ނުވާނެޔޭ. ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައެއް ނުލެވޭނެޔޭ. އަނެއް ބަޔަކު އަނެއް ކޮޅަށް މަޝްވާރާކުރަމުން ގެންދިޔައީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މަޝްވަރާތަކުގައި ގޮތް ނުނިމުނަސް ރައީސް ޞާލިޙް އިސްލާމިކް މިނިސްޓަރަށް މަޝްވަރާ ކުރިއަށް ގެންދަވަން ދެންނެވިކަމަށާއި ގޮތެއް ނިންމަވަން ވާނީ ދީނީ ޢިލްމުވެރިންކަމަށް ދަންނަވާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ގޮސް އެއްދުވަހެއްގެ ރޭގަނޑޫ 1 ޖަހަން އުޅެނިކޮށް، މަޝްވަރާތައް ނިމި، ޖަމާއަތުގައި ވަގުތީގޮތުން ނަމާދުކުރުން ހުއްޓާލަން ނިންމުނު ކަމަށާއި، އެހުރިހާ ކަމެއް ސަރުކާރުން ނިންމީ ދީނުގެ އިލްމުވެރިންނާއި ރާއްޖޭގައި ތިއްބެވި އިލްމުވެރިންނާއި މަޝްވަރާ ކޮށްގެންކަަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ހަމައެގޮތަށް ބޯޑަރ ބަންދުކުރަން ޖެހުނު ވަގުތު ކަންތައްވި ގޮތަށް އަލިއަޅުއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެ ދާއިރާގެ މާހިރުންނާއިވެސް މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން، އެބޭފުޅުންގެ ކުރިމަތީގައި އޮތީ އެންމެ ކަމެއްކަމަށާއި، އެއީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށްވާއިރު އެބޭފުޅުން ގެނެސްދެއްވި ލިސްޓު ބައްލަވާލެއްވިއިރު، ރާއްޖޭގެ އެތައް ހާސް މީހުންނެއް މަރުވަމުންދާވާހަކަ އެބޭފުޅުން ވިދާޅުވިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ސިއްހީ މާހިރުން ބޭނުންފުޅުވީ ހުރިހާކަމެއް ހުއްޓުމަކަށް ގެންނަވަން ކަމަށެވެ.
އެހިސާބުން ދެން އެމަނިކުފާނު ބައްދަލުކުރެއްވީ ޓޫރިޒަމް ދާއިރާގެ އެންމެ އިސްބޭފުޅުންނާއި ކަމަށާއި ބޯޑަރު ބަންދުކުރަން އެތައް ބޭފުޅުން ދެކޮޅު ހެއްދެވިކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
"އެނެންނަމަވެސް އެ މަޝްވަރާއަށްފަހު އަޅުގަނޑަށް އެ ދަތި އުދަނގޫ ޑިސިޝަން ނަގަން މަޖުބޫރިވު. އަޅުގަނޑުމެންނަށް ބޯޑަރު ބަންދުކުރަން ޖެހުނު. އަޅުގަނޑު ހިތުން އެއީ އެދުވަހު ނިންމުނު ވަރަށް ރަނަގޅު، ވަރަށް ރަނގަޅު ނިންމުމެއްކަމަށް އަޅުގަނޑު ހިތުން ހުރިހާ ބޭފުޅުން ގަބޫލުކުރައްވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި އެއަށްފަހު ބޯޑަރު ހުޅުވަން ރައީސް ޞާލިޙު ނިންމަފައި އެކަން ހުރިހާ ވުޒާރާތަކުގެ ބޭފުޅުންނަށް ދަންނަވައި ތައްޔާރުވެގެން ތިއްބެވުމަށް އެންގެވިން ކަމަށާއި، އެތައް ބޭފުޅުންނެއް އެކަން ނުކުރެއްވުމަށް އެދުނު ކަމަށްވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑު އަނެއްކާވެސް ރާއްޖެއަށް ފެތުރިގެންދާނެކަމުގެ ބިރު އެބޭފުޅުންނަށް އޮތް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"މަޖުބޫރުން ކަހަލަ ގޮތަކަށް ބައެއް ދާއިރާގެ ކަންތައް ނިންމަން ޖެހުނު، ބައެއް މިނިސްޓްރީތަކުގެ ކަންތައް. ފަހަތަށް ޖެހެމުން ބިރުވެރިކަން އޭރު އޮތް ވަރު. އެހެންނަމަަވެސް އެންމެ ފަހުން އެ ޑިސިޝަން ނަގައި ބޯޑަރު ހުޅުވުން ވެގެންދިޔައީ މިއަދި މިދެކޭ އިގްތިސާދު މިހާރު މިއޮއް ގޮތަށް ބަދަލުވެގެން ދިޔަ ދިޔުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެފަދަ ހުރިހާ ކަމެއް ކުރައްވަނީ އެކަމެއްގައި އުޅުއްވާ ބޭފުޅުންނާއި މަޝްވަރާކުރެވިގެން ކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ބޯޑަރު ބަންދުކުރުމަށްފަހު އެސްޓީއޯގެ އިސް ހުރިހާ ބޭފުޅުންނާއިވެސް ބައްދަލުކުރެއްވިކަމަށެވެ.
"އަޅޫގަނޑު ދެންނެވިން މަދުވެގެން 3 މަސް ދުވަހުގެ ކާބޯތަކެތި ރާއްޖޭގައި ހުންނަން ވާނޭ. ތެޔޮ ހުންނަން ވާނޭ އެވަރަށް. ކޮންމެ ދުވަހަކު އަޅުގަނޑު އޭގެ އަޕްޑޭޓް ގެންނަން. ރާއްޖޭގައި ހުރީ ކިހާ ފުށެއްތޯ، ކިހާ ހަކުރެއްތޯ، ކިހާ ހަނޑުލެއްތޯ، ތެޔޮ ހުރީ ކިހާ ވަރަކަށްތޯ. ބޭސް ހުރީ ކިހާވަރަކަށްތޯ. ކޮންމެ ދުވަހަކު ހެނދުނު އަޅުގަނޑު މޭޒަށް އެ އަޕްޑޭޓް އާދޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު މިހިސާބަށް އާދެވުނީ އެދުވަހު އެގޮތަށް އަމަލުކުރެއްވުމުންކަމަށާއި އެހެންކަމުން އެދުވަހު އެމަނިކުފާނަށް އެކި ދާއިރާތަކުން ދެއްވި ލަފަޔާއި މަޝްވަރާއަށް އެމަނިކުފާނު ވަނީ އެބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ.