ޚަބަރު ސިޔާސީ

ސިއްހީ ހާލަތު ތަން ނުދޭތީ ރައީސްގެ ދަތުރު ކުރުކޮށްލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާލާސްކަންފުޅާ އުޅުއްވާތީ އއ. އަތޮޅަށާއި އދ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

Ads by Hajj Corporation

މި ދެ އަތޮޅަށް ކެމްޕެއިން ދަތުރެއް އިއްޔެ ފެއްޓެވި އިރުވެސް ރައީސް ޞާލިހު އުޅުއްވީ އާލާސްކަންފުޅާ އެވެ. އެގޮތުން ރޯގާގެ ސަބަބުން އެމަނިކުފާނަށް ވާހަކަފުޅު ދެއްކެވުމުގައިވެސް ދަތިތަކާއި ކުރިމަތިވެވަޑައިގެންނެވި އެވެ.

ރައީސްގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގެންން ސިއްހީ ހާލަތު ރަނގަޅުވަންދެން އަރާމު ކުރައްވަން މިހާރު ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ޞާލިހު އިއްޔެ އއ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރެއްވި އެވެ. އެގޮތުން އަވަސް ކުރު ދަތުރުތަކެއް ކުރެއްވީ ތޮއްޑޫ، ރަސްދޫ، ބޮޑުފޮޅުދޫ، މަތިވެރި، މާޅޮސް، ފެރިދޫގެ އިތުރުން އުކުޅަހަށެވެ.

އެއަތޮޅު ހިމަންދޫގެ އިތުރުން އދ އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަން ކުރިން ހަމަޖެހިފައި އޮތީ މިއަދު އެވެ. އެހެންނަމަވެސް އެރަށްތަކަށް މިއަދު ދަތުރު ނުކުރައްވާނެކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ޞާލިހު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ މަހިބަދޫގައި ބާއްވަން ކުރިން ތާވަލުކުރެވިފައި އޮތްނަމަވެސް މިޖަލްސާވެސް މިހާރު ނުބާއްވަން އޮތީ ހަމަޖެހިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!