ޚަބަރު ސިޔާސީ

8،000 ރުފިޔާގެ މުސާރައިގައި ފިތިފައި ތިބި ޒުވާނުން ސަލާމަތް ކޮށްދޭނަން: ނާޒިމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް

ބައެއް ޒުވާނުން މިއަދު ތިބީ 8،000 ރުފިޔާގެ މުސާރައެއްގައި ފިތިފައި ކަމަށާއި އެކަމުން ސަލާމަތް ކޮށްދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރޭ މ. މުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް އިގްތިޞާދީ ގޮތުން ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ. އެގޮތުން ދިވެހިންނަކީ މުއްސަނދިކަމުގެ ނަފާ ލިބޭ ބައެއްކަމަށް ހަދައި، އިގްތިޞާދީ ގޮތުން ދިވެހިން ބާރުވެރި ކުރުވާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

މިއަދު ގިނަ ރައްޔިތުންނަކީ ދަރަނިވެރިންކަމުގައި ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ކޮންމެ ބޭނުމަކަށްވެސް ލޯނު ނަގަން މިހާރު ވަނީ މަޖުބޫރުވެފައި ކަމަށެވެ.

"ކްރެޑިޓް ކާޑަށް ލާރި ނުދެއްކޭ ހާލަތުގައި މީހުން މި ތިބީ. ގެ ހެދުމަށްޓަކައި ނަގާ ލޯނަކީ ދެއްކޭ އެއްޗެއްގެ ގޮތަކު ނޫން މި އޮންނަނީ. ލިބޭ މުސާރަ އިން ދެކޮޅެއް ނުޖެހޭ. މީހުން މި ތިބީ ހާލުގައި" ނާޒިމް ވިދާޅުވި އެވެ.

އަދި މިއަދު ޒުވާނުން ތިބީ 8،000 ރުފިޔާ މުސާރައަށް ލިބޭ ވަޒީފާއެއްގައި ކަސްތޮޅު އެޅުވިފައި ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ އެކަސްތޮޅުން ނެއްޓުވުމަށްކަމަށް ނާޒިމް ވިދާޅުވި އެވެ.

މ. އަތޮޅާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެއަތޮޅުގެ އިގްތިޞާދަށް ހެޔޮ ބަދަލެއް އަންނާނީ އެއަތޮޅުގެ އެއާޕޯޓު ހުވަފެން ހަގީގަތަކަށް ހަދައިގެން ކަމަށެވެ. އެގޮތުން އެ އެއާޕޯޓަށް ދަތުރުކުރަން ލުއި ގޮތްތަކެއް ހަމަޖައްސަން ޖެހިފައިވާޚަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން އެހީ ދީގެން ގެސްޓު ހައުސް ތަރައްގީކުރާނެ ކަމަށެވެ. މީގެ ސަބަބުން މ. އަތޮޅުގައި ފަތުރުވެރިކަން ކުރިއަރައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ތަނަވަސްވެގެން ދާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!