ޑިމިކްރެޓްސްއާ ގުޅުނުކަން މަޖިލީހަށް އަންގާފައިވަނީ ތިން މެމްބަރުން

ޕާޓީ ބަދަލުވިކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅުނު 14 މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ކަމަށް މަޖިލީހުގެ ރިޔާސަތުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރެއިން މިހާތަނަށް މަޖިލީހަށް އެކަން ސިޓީއިން އަންގަވާފައިވަނީ ތިން މެންބަރުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ދާއިމީ ކޮމިޓީތައް އެކުލަވާލެވުމުގެ ކަންކަން ހަލުވިކަމާ އެކު ކުރިއަށް ގެންދެވިގެންދާނީ މެންބަރުން ޕާޓީ ބަދަލުކުރެއްވިކަމުގެ ސިޓީ ފޮނުއްވުމުން ކަމަށެވެ.
ޑިމޮކްރެޓްސްއާ ގުޅުނުކަން މަޖިލީހަށް އަންގާފައިވާ ތިން މެމްބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކަމާއި ގުޅޭ ލިޔުންތައް މަޖިލީހަށް ލިބިވަޑައިގެންފައިވާތީ އެ މެމްބަރުންނަކީ ދަޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުންގެ ގޮތުގައި ހިމަނާފައިވާކަމަށެވެ.