ޚަބަރު ސިޔާސީ

އަންނަ ޖެނުއަރީއިން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރަ 40 ޕަސެންޓު ބޮޑުވާނެ: ރައީސް ޞާލިޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

2024 ޖަނަވަރީއިން ފެށިގެން ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 44،280 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުގައި ރޭ، ބ.ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މުސާރަ އެއްހަމަކުރާއިރު ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 44،280 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި، އެ މުވައްޒަފުންގެ މުސާރަ، އަންނަ ޖެނުއަރީން ފެށިގެން 40 ޕަސެންޓަށް ބޮޑުވާނެ ކަމަށެވެ.

މި އަހަރު ފާސްކުރާ ބަޖެޓާއެކު، ފުލުހުންނާއި ސިފައިންނާއި ކަސްޓަމާއި އިމިގްރޭޝަން އަދި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދޅާުވީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އަދި އިމާމުންނާއި މުދިމުންގެ މުސާރަވެސް ބޮޑުވާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާއެކީގައި، އަންނަ ޖެނުއަރީ މަހުން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ހެޔޮ ބަދަލެއް ގެނައުން.... މި ގެނެވޭ ބަދަލާއެކީގައި ވަރަށް ބޮޑު ތަނެއް ބައެއް އިދާރާތަކަށް އާދޭ" ރައީސް ޞާލިޙް ވިދާޅުވި އެވެ.

އެގޮތުން، ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އިތުރުވާނެ ކަމަށާއި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާއެކު 16،300ރ. އަށް މުސާރަ ބޮޑުވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. އަދި ލޯކަލް ކައުންސިލް އިދާރާގައި، 7200ރ. ގެ މުސާރައެއް ލިބޭ މުވައްޒަފުންނަށް، 10،500ރ. ލިބޭނެކަމަށާއި، ސިވިލް ސާވިސްގެ މިނިސްޓްރީއެއްގެ ޑައިރެކްޓަރަކަށް މުސާރައަކަށް މިހާރު ލިބެނީ 16،000ރ. ގެ ބަދަލުގައި އަންނަ ޖެނުއަރީން ފެށިގެން އެ ރޭންކުގެ މުވައްޒަފުންގެ މުސާރަ 23،200ރ. އަށް ބަދަލުވާނެ ކަމަށެވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ޗީފް އިންސްޕެކްޓަރަކަށް މިހާރު 34،400ރ. ގެ މުސާރައެއް ލިބުނަސް، އާ ބަދަލުތަކާއެކު އެ އަދަދު 48،000ރ. އަށް އިތުރުވާނެކަމަށާއި މިއީ މިހެން ވިދާޅުވާ ވާހަކަފުޅެއްނޫންކަމަށާއި ހުރިހާ ކަމެއް ހުރީ ހިސާބުޖަހައި ތާވަލުކޮށްފައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"....މިއީ އަޅުގަނޑު މިތާ ހުރެ ބުނެލާ ވާހަކައެއް ނޫން. މިއޮތީ ހިސާބު ޖަހާ، ތާވަލްކުރެވި، ތަފްސީލުތަކާއެކީ.... އަޅުގަނޑު ހިތުން މި ބަދަލު އައުމާއެކީގައި، އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ. ކޮންމެ އާއިލާއަކީ ފުދުންތެރި އާއިލާއަކަށް އިރާދަކުރެއްވިއްޔާ ވާނެ. ދެމަފިރިއަކު، ދަރިއަކު ގޮވައިގެން މިހާރު އުޅެންޖެހޭ ހާލަތު އަޅުގަނޑުމެންނަށް އެނގޭ. ކިހިނެއްތޯ 10،000ރ. ލިބޭ މީހަކު ތަނެއް ކުއްޔަށް ހިފައިގެން އުޅޭނީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މުސާރަ އެއްހަމަކުރުމުން ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 44،280 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އެ ބަދަލުތަކަކީ މިއިން ޒަމާނެއްގައި ސަރުކާރަކުން ކުރަން ވިސްނާފައި އޮތް ކަމެއް ނޫން ކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަ މިދިޔަ އަހަރު ބޮޑުކޮށްފަކަމަށާއި މިދިޔަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް  ބޮޑުކޮށްފައިވާކަމަށެވެ.

އަދި މީގެ އިތުރުން، ފާއިތުވި ސަރުކާރުތަކުން ބޭނުންވީ މުށުތެރޭގައި ރައްޔިތުން ބައިތިއްބައި އަދި ގަދަބާރުން މަސައްކަތްކުރުވައިގެން ވެރިކަން ކުރަން ކަމަށާއި އެނޫން ކަމެއް އެބޭފުޅުންގެ ވިސްނުންފުޅުގައި ނެތް ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!