ދުނިޔެ

އިންޑިޔާގެ ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު ހަނދަށް1

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ންޑިޔާގެ ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން އައިއެސްއާރުއޯގެ ފަރާތުން ހަނދުގެ ކަންކަން ތަހުލީލު ކުރުމަށް ފޮނުވާފައިވާ ޖައްވީ އުޅަނދު "ޗަންދްރަޔާން 3"ން ބޭލި ލޭންޑަރއެއް މިއަދު ކާމިޔާބު ކަމާއެކު ހަނދުގައި ޖައްސައިފިއެވެ. މިއަދު އެ ގައުމުގެ ގަޑިން އިރުއޮއްސި 6:00 ހާއިރު (ރާއްޖޭ ގަޑިން 5:30ގައި) ލޭންޑަރ ހަނދުގައި ޖެއްސި މަންޒަރު ވަނީ ލައިވް ސްޓްރީމް ކޮށްފައެވެ. އަދި އެމަންޒަރުތައް ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގައިވެސް ލައިވް ސްޓްރީމް ކޮށް ސްކޫލް ކުދިންނަށް ވަނީ ވަގުތުން ދައްކާފައެވެ.

Ads by Sosun Fihaara

ޖައްވީ އުޅަނދު ޗަންދްރަޔާން-3 އުދުއްސާލާފައިވަނީ ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ. އަދި ހަނދުގެ އޯބިޓަށް ފޯރާފައިވަނީ އޮގަސްޓްމަހުގެ 5 ވަނަ ދުވަހުއެވެ. އެއަށްފަހު އުޅަނދު، ހަނދު ވަށައި ބުރުޖަހަމުން ހަނދާ ކައިރި ވަމުންގޮސް، އޮގަސްޓް 17 ވަނަ ދުވަހު ރޮކެޓްގެ މައި މޮޑިއުލާއި ލޭންޑަރ މޮޑިއުލް ވަކިކޮށްލާފައިވެއެވެ. ލޭންޑަރ މޮޑިއުލަށް ދީފައިވާ ނަމަކީ ވިކްރަމް ލޭންޑަރއެވެ.

ހަނދުގައި ވިކްރަމް ލޭންޑަރ ޖެއްސުމަށް ފަހު އެއިން ވަނީ 6ފައި، ނުވަތަ 6 ފުރޮޅުލީ ޚާއްސަ ރޯވަރ "ޕްރަގިއާން" ހަނދުގެ ސަރފަސް އަށް ބާލާފައެވެ.  އެއަށްފަހު ރޯވަރ ވަނީ ހަނދުގެ އެކިތަންތަނަށް "ހިނގާ" ނުވަތަ ދަތުރުކޮށް ފޮޓޯ އާއި ވީޑިއޯ އަދި ޑާޓާ އެއްކޮށްފައެވެ. އަދި މި ތަކެތިއައީ މައި އުޅަނދު މެދުވެރިކޮށް ބިމުގެ ސްޓޭޝަން އަށް ވަގުތުން ފޮނުވަމުންނެވެ.

ވިކްރަމް ލޭންޑަރ "ސޮފްޓް ލޭންޑިންގ" އެއްގައި ހަނދުގައި ޖައްސާފައިވަނީ ހަނދުގެ ސައުތު ޕޯލް ކިޔާ ސަރަހައްދުގައެވެ. މިއީ އެއްވެސް ބަޔެއްގެ އުޅަނދެއް މިހިސާބުގައި ޖެއްސި ފުރަތަމަ ފަހަރެވެ. ހަނދުގެ މިހިސާބުގައި ގަނޑުފެން ހުރެދާނެ ކަމަށް މިހާރު ބެލެވޭއިރު، ރޯވާއިން އެއްކުރާ ފޮޓޯތަކާއި ޑާޓާގެ އެހީގައި، މިކަމުގެ ފުރިހަމަ މައުލޫމާތު ލިބޭނެއެވެ.

ހަނދުގައި ޖައްސަން ކައިރިވި ވަރަކަށް ހަނދުގެ ސަރފަސްގެ ފޮޓޯތައް ވިކްރަމް ލޭންޑަރއިން ދިޔައީ ނަގަމުންނެވެ. އެއީ ޖެއްސުމަށް އެންމެ ރައްކާތެރި ތަނެއް ހޯދުމަށެވެ. ހަނދުގައި ޖެއްސުމަށްޓަކައި ލޭންޑަރ ތިރިކުރަން ފަށާފައިވަނީ އިންޑިޔާ ގަޑިން މިއަދު ހަވީރު 5:45 ހާއިރުއެވެ. ސައިންޓިސްޓުން މައުލޫމާތު ދީފައިވާގޮތުގައި ހަނދުގެ ސަރފަސްއާ 800 މީޓަރަށް ތިރިވުމުން އުޅަނދުގެ ސްޕީޑް ގާތްގަނދަކަށް ޒީރޯއަށް ދަށްކުރާނެއެވެ. 150 މީޓަރަށް ތިރިވާއިރު، ޖައްސަން ފަހި ތަނެއް ނުފެނިއްޖެ ނަމަ ލޭންޑަރގެ މިސްރާބު ބަދަލުކުރާގޮތަށް އޮތީ ކުރިން ހަމަޖެހިފައެވެ.

އިންޑިޔާގެ ސްޕޭސް މިޝަންގެ މިފުރިހަމަ ކާމިޔާބީ ފާހަގަކުރައްވައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުރީފުގެ ލައިވް ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. މޯދީ މިވަގުތު ހުންނެވީ ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދެކުނު އެފްރިކާގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!