އެމްޑީޕީ މެނިފެސްޓޯ: ބަޖެޓް ޑެފިސިޓް ކުޑަ ކުރުމާއި ދަރަނީގެ މިންވަރު %80 އަށް ކުޑަކުރުން
ބަޖެޓް ޑެފިސިޓް ކުޑަކުރުމާއި ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު %80ށް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.
މެނިފެސްޓޯގެ އެންމެ ފަހު ސިޔާސަތު "އިގުތިސާދީ ބޮޑު ބަދަލު" މިރޭ ވަނީ އިއުލާންކޮށްފައެވެ. އެ ސިޔާސަތު ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ ބާރުވެރި އިގުތިސާދު، އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން، އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ އަދި ވިލުންތެރި އިގުތިސާދެވެ.
އޭގެތެރެއިން އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާގެ ދަށުން ހިމަނާފައިވާ ފަހި މާލީ ސިޔާސަތުގައި ބުނެފައިވަނީ ދައުލަތުން ދޭ ސަބްސިޑީތައް އެފިޝަންޓްކޮށް، ހައްގުވެރި ފަރާތްތަކަށް ދެވޭ އެހީއެއްކަން ކަށަވަރުކުރެވޭގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލުކުރާނެ ކަމަށެވެ.
އަދި އާސަންދައިގެ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭ އެހީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދެވޭ، އަދި އެކަށީގެންވާ މިންވަރުގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރަން 2024 ވަނަ އަހަރު އާސަންދަ ނިޒާމުގެ ކަވަރޭޖް ބަދަލުކުރާނެ ކަމަށާއި ދުނިޔޭގެ މާކެޓްތަކަށް އަންނަ ޝޮކްތަކުގެ ސަބަބުން ދިމާވާ އިގުތިސާދީ ހީނަރުކަމުން ފަރުދުންނާއި ވިޔަފާރިތައް ރައްކާތެރިކުރުމަށްޓަކައި މާލީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ބަދަލުގެނެސް ސޭފްޓީ ނެޓެއް ޤާއިމުކުރާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ފިސްކަލް ސްޓްރެޓެޖީއެއްގެ ދަށުން ދައުލަތުގެ އާމްދަނީ އިތުރުކޮށް ޚަރަދުކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް މެދުރާސްތާގައި ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު ކުޑަކުރާނެ ކަމަށާއި ބަޖެޓް ޑެފިސިޓް ކުޑަކޮށް ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު 80% އަށް ކުޑަކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ބޭރު ފައިސާ ހޯދުމަށް އޮތް ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ލީކުވާ މިންވަރު މަދުކުރާނެ ކަމަށް ވެސް އެ ސިޔާސަތުގައި ބުނެފައިވެއެވެ.