ޚަބަރު ސިޔާސީ

ސަލަފް އަކީ އަޅުގަނޑާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން، ފަތުރަނީ ދޮގު ވާހަކަ: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފްއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި ފަތުރަމުން ދަނީ ދޮގު ވާހަކަ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން" ގެ ނިންމުން 23 ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްވި ހާއްސަ އިންޓަވިއުއެއްގައި، މިކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އެފަދަ ވާހަކަ ދައްކަވާ ބޭފުޅުން އެކަމުގެ އަސާސެއް ދައްކަވަން ވާނެ ކަމަށެވެ.

އަދި މިކަމުގައި ދައްކާނެ އެއްވެސް ހެއްކެއް ވެސް ނޯންނާނެ ކަމަށާއި މިކަމާ ގުޅޭގޮތުން ދައްކާ ކުރިހާ ވާހަކަތަކަަކީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކީއްކުރަން ކަން އެވާހަކަތައް ދައްކަވަނީ. އަޅުގަނޑުގެ ފަރާތުން ފެންނަން އޮންނާނީ ވަރަށް ސާފުކޮށް ބެކްރައުންޑެއް"

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެއްވެސް ޖަމާޢަތަކާ އެމަނިިކުފާނާ ގުޅުމެއް ނޯންނާނެ ކަމަށާއި ކޯލިޝަން ހަދައިގެން ދީނީ ޖަމާއަތަކާ ގުޅުން ބާއްވަނީ މި ސަރުކާރުން ކަމަށެވެ. ސަލަފްއާ ވެސް އެއްވެސް ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

"ސަލަފްއާ އެއްވެސް ކަހަލަ ގުޅުމެއް ނޯންނާނެ. އެއްވެސް ކަހަލަ ސިޔާސީ މަޝްވަރާއެއް, އެއްވެސް ބައްދަލުވުމެއް ބޭއްވި މިކަހަލަ ކަމެއް ވެސް ކުރި މީހެއް ނޫން. ނުވެސް ކުރާނަން. އެބޭފުޅުން އެ ދައްކާ ވާހަކަތަކުގެ އަސާސެއް އިންނަން ވާނެ"

މުޢިއްޒު ވިދާޅުވީ އެފަދަ ކަންތައްތަކަށް ރައްދު ދިނުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ވަރަށް ސާފުކޮށް ރައްޔިތުންނަށް އެމަނިކުފާނަކީ ކާކު ކަން އެނގިލައްވާނެ ކަމަށެވެ. އަދި މިހާރު ކަންކުރަމުންދާ ގޮތް ވެސް ފެންނާނެ ކަމަށާއި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރި ނަމަވެސް މީހުން އެކަން ގަބޫލު ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދީނުގައި އޮންނަ މެދު މިނުގެ ސިޔާސަތު ނޫން އެހެެން ސިޔާސަތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިޔުން އެއްކޮށް ނައްތާލެވެން ވާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން ދަނީ، މުއިއްޒަކީ ސަލަފްގެ ކެންޑިޑޭޓުގެ ގޮތުގައި ސިފަކޮށް، ތަފާތު ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ އެޑިއުކޭޝަން މިނިސްޓްރީ ސަލަފްއާ ހަވާލުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

  1. ދީދާރު

    ކީއްވެ ސަލަފާ ދުރުވާން، ގުޅުން ނުބާއްވަން ތި ވިދާޅުވަނީ، އެއީ، ދީނީ ޢިލްމުވެރިން ވީމާ، އެމީހުންގެ މަޝްވާނޫތޯ ހޯދަންވީ.