ލަންކާ މާރުކޭޓަށް މަސްވިއްކުމުގެ އުންމީދުގައި ނަޝީދު ހުއްޓައި، އެގައުމުން ބޭރު ގައުމުތަކުގެ މަސް އެތެރެކުރުން ހުއްޓާލަނީ

ރާއްޖޭގެ މަސްވެރިން ލަންކާ މާރުކޭޓަށް މަސް ވިއްކުމުގެ އުންމީދުގައި ރައީސް މުހައްމަދު ނަޝީދު ހުއްޓައި، އެގައުމުން ބޭރު ގައުމުތަކުގެ މަސް އެތެރެކުރުން ހުއްޓާލަން ޖެހޭ ކަމަށް އެގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.
ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭ މަސްވެެރިން ބާނާ މަސް ސީދާ ލަންކާގެ ބާޒާރަށް ވިއްކޭނެ ގޮތް ހަމަޖެހުމަކީ އެމްޑީޕީ އަދި މި ސަރުކާރުގެ ވިސްނުމެއް ކަމަށެެވެ. އަދި ހަމަ އެފަދައިން ލަންކާގެ މަސްވެރިން ބާނާ މަސް ރާއްޖެއަށް ވިއްކޭ ގޮތަށް އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ ވެސް މުހިއްމު ކަމަށް ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް ލަންކާގެ ވިޔަފާރިތައް ހިމާޔަތްކޮށް އިގްތިޞާދު ރަނގަޅުކުރުމަށް މިހާރުގެ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލަންޖެހޭ ކަމަށް ދާދިފަހުން އެގައުމުގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ޕާލަމަންޓްގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.
"ސްރީލަންކާ އަށް މަސް އެތެރެކުރުން ހުއްޓާލަންޖެހޭ. އަހަރުމެންގެ ގައުމަކީ ވަށައިގެން ކަނޑު އޮތް ގައުމެއް. މީގެއިތުރުން ގަވާއިދާ ޚިލާފަށް އަހަރުމެންގެ ކަނޑުގެ ސަރަހައްދަށް ވަންނަ މަސް ބޯޓުތައް އެތެރުވުން ، ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނަން " ރާޖަޕަކްސަ ވިދާޅުވިއެވެ.