އިންޓަރނޭޝަނަލް ފެންވަރުގެ ވަސީލަތްތަކާއެކު އީ ސްޕޯޓްސް އެރީނާއެއް މާލެ، ހުވަދޫ އަދި ހދ ގައި ޤާއިމްކޮށްދެއްވާނެކަމަށާއި، ޒުވާނުން ޝާމިލުވާ ހުރިހާ ކުޅިވަރެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށް ޕްރޮގްރެސިވްސ ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އީ ސްޕޯޓްސް ގޭމިން އަކީ މިޒަމާނުގައި ޒުވާނުން އެންމެ ގިނައިން ޝާމިލްވާ ކުޅިވަރުކަމަށް ފާހަގަކުރެވޭކަމަށާއި ނަމަވެސް އެ ކުޅިވަރު ކުރިއަރުވާނެ ބަޔަކު މި ރާއްޖޭގައި ނެތް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެ ކުޅިވަރު ޤައުމީ ފެންވަރެއްގައި ބަލައިގަނެ، ކުރިއަރުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ދެންވާ ގޮތަކީ އެއަށް ލިބިގެންދަނީ ޚާއްސަ ފުރުސަތުތައް. އީ ސްޕޯޓްސް އެރީނާއެއް މާލެ، ހުވަދޫ އަދި ހދ ގައި ޤާއިމްކޮށްދޭނަން" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ކާރާއި ސައިކަލުގެ ރޭސިންއަކީވެސް މިހާރު ޒުވާނުންގެ މެދުގައި މަޤުބޫލު ކުޅިވަރެއްކަމަށާއި، އެގޮތުން ދުނިޔޭގެ ފެންވަރުގެ ރޭސިން ޓްރެކެއް މާލެ، އައްޑޫ އަދި އުތުރުގައި ޤާއިކުރައްވާނެކަމަށެވެ. އަދި ހަމަ މިއާއެކު މާލޭގެ ރާޅުގަނޑު ސަރަހައްދުވެސް ދުނިޔޭގެ ސާފިން ސްޓޭޑިއަމެއްގެ ފެންވަރަށް ތަރައްޤީ ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހަމައެކަނި ފުޓްސަލް ދަނޑާއި ހޭންޑްބޯލް ކޯޓެއް އަޅައި ނިންމާނުލާނެކަމަށާއި، ޒުވާނުން ޝާމިލުވާ ހުރިހާ ކުޅިވަރެއްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރައްވާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ވަޒީފާތަކެއް އުފެދި މުޖުތަމަޢު ޤަބޫލުކުރާ ރަނގަޅު ބަޔަކު ނެރެދެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"ޒުވާނުންނަކީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަކުރަކުން ޖުމްލައަކުން އެންމެ މުހިންމު ބައެކޭ ކިޔާފައި ދުކޮށްލާނެ ބައެއް ނޫން، މިއިން ކޮންމެ ކުޅިވަރެއް ކުރިއެރުވީމަ އެ ލިބެނީ ވަޒީފާގެ ފުރުސަތުތައް، އާމްދަނީ ލިބިގެން ދަނީ. އެ ކުދިން މުޖުތަމަޢުގަ މުހިންމު ބަޔަކަށް އެބަވޭ" މުއިއްޒު ވިދާޅުވިއެވެ.