މައިންބަފައިންގެ ރުހުމަކީ, ދަރިންނަށް ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ އަގު ބޮޑު އެއްޗެއް: ޚުތުބާ

މައިންބަފައިންގެ ރުހުމަކީ, ދަރިންނަށް ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ އަގު ބޮޑު އެއްޗެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް "މިއެވެ.
ޚުތުބާގައި ބުނެފައިވަނީ މައިންބަފައިންނަށް އަޅައިލުމާއި ކަމޭހިތުމަކީ އެކަމުގައި ޖަދަލުކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މައިންބަފައިންގެ ހިތުގައި ޖެހުނަ ދީގެން ނުވާނެ ކަމަށާއި ބައެއް މީހުން ހީކުރާ ގޮތުގައި މައިންބަފައިންނަށް ހެޔިކޮށް ހިތަންވާނީ އެމީހުން އެކަމަށް އެދުމުން ކަމަށެވެ.
އަދި މައިންބަފައިން ކަމަަކަށް އެދޭނަމަ އެކަމެއް ކޮށްދޭން ވާނެ ކަމަށާއި އެމީހުންނަށް ކަމެއް ބޭނުންވިޔަސް އަދި ނުވިޔަސް ދަރިން މައިންބަފައިންނަށް އަބަދުވެސް ހެޔޮކޮށް ހިތަން ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
މިއަދު ބައެއް ދަރީން މައިންބަފައިންނަށް ފުރަގަސްދީފައިވާ ކަމަށާއި އެމީހުން ދެކޭ ގޮތިގައި މުސްކުޅި މައިންބަފައިން އުޅެން ޖެހެނީ ނުކުޅެދޭ މީހުންނަށް ހާއްސަ ހިޔާވަހިތަކުގައި ކަމަށް ވެސް ހުތުބާގައި ބުންޏެވެ.