ދީން

އަމާންކަމުގެ މަގު ދޫކޮށްލާ، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން: ހުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަމާންކަމުގެ މަގު ދޫކޮށްލާ، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށް ހުކުުރު ހުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "މުދަލު ޒަކާތް" މިއެވެ.

ހުތުބާގައި ބުނީ، މާތް الله އިންސާނުންނަށް ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް ދެއްވާފައިވާ ކަމަށާއި މީގެތެރެއިން މުދާވެރިކަމާއި ތަނަވަސް ކަމަކީ، މާތް الله އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރި ނިޢުމަތެއް ކަމަށެވެ. މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް الله ކަމަށާއި އެހެންކަމުން، އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން، އެމުދަލުން ފަޤީރުންނަށާއި މިސްކީނުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ اللهގެ މަގުގައި ހޭދަކުރަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ުްއަދި މުދަލަށް ލޯބިކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެއް ކަމަށާއި ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށް ހުތުބާގައި ބުންޏެެވެ.

މާތް اللهވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައިވެއެވެ. "އަދި ދަހިވެތިވެ، الله ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ." ހުތުބާގައި ބުންޏެވެ.

މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫން ކަމަށާއި މުދާވެރިކަމާއި، ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، الله ގެ މަގުގައި ހޭދަކުރަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެެ.

" ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހެއެވެ. މާތް الله ގެ މަގުގައި ހޭދަކުރުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމާއި، ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމާއި، މިފަދަކަންކަމީ ކުރަންޖެހޭ ކަންކަމެވެ. މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ" ހުތުބާގައި ބުންޏެވެ.

ވީމާ، މުދަލުޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ މި ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައި ނަސޭހަތްތެރިވާ ކަމަށާއި ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެމުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!