ދީން

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަކީ މުސްލިމުންނަށް ދީނީ ވާޖިބެއް: ހުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަލަސްތީން ރައްޔިތުންނަށް އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ދީނީ ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by Hajj Corporation

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ “ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު” މި އެވެ. 

ހުތުބާގައި ބުނީ އިސްލާމްދީނުގައި އަނިޔާވެރިވުން ޙަރާމްކުރައްވާފައިވާ ކަމަށާއި އެއްވެސް ދީނެއްގެ މީހަކަށް ނުޙައްޤުން އަނިޔާއެއް ދިނުމަކީ އިސްލާމްދީން މަނާކުރާކަމެއް ކަމަށެވެ. އަދި ހަނގުރާމައިގެ އަސީރުންނަށް ވެސް ހެޔޮކޮށް ހިތައި އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށާއި ހަނގުރާމައިގެ ޙާލަތުގައިވެސް ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ޤަތުލުކުރުމާއި ގަސްގަހާގެހި ހަލާކުކުރުމާއި، ޖަނާވާރުތަށް މެރުން، އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމަށެވެ.

“އެހެން ދީންތަކުގެ އަޅުކަންކުރާތަންތަން ހަލާކުކުރުމާއި، އެތަންތަނުގައި އަޅުކަންކުރަން ތިބޭ މީހުން ޤަތުލުކުރުންވެސް ނަހީކުރައްވާފަ އެވެ. މިއީ ހަނގުރާމައިގެ ޙާލަތުގައި ވެސް އިސްލާމީ އަޚުލާޤިއްޔާތެވެ. އިސްލާމްދީންވަނީ އިންސާނިއްޔަތުކަން ޙިމާޔަތްކުރި ފަދައިން، ޖަނަވާރުންނާއި، ތިމާވެށި ވެސް ޙިމާޔަތްކޮށްފަ އެވެ. މިކަންކަމުން ދޭހަވަނީ އިސްލާމްދީނުގެ ސަމާޙަތްތެރިކަމާއި މަތިވެރިކަމެވެ. އިންސާނިއްޔަތުކަމެވެ” ހުތުބާގައި ބުންޏެވެ. 

ހުތުބާގައި ބުނީ ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސްއަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށްޓަކައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި މި ހުރިހާ ޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފައް ކަމަށެވެ.

އަދި މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލައިފައިވާ ކަމަށާއި މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ވެސް ހުތުބާގައި ވަނީ ގޮވައިލާފަ އެވެ.

ހުތުބާގައި ބުނީ މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއްވާ ކަމަށާއި ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލަންޖެހޭ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީވާޖިބެއް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!