ޚަބަރު ސިޔާސީ

މުއިއްޒުގެ ވެރިކަމެއްގައި ލ. ގަމުގައި ނޭޝަނަލް ހޮސްޕިޓަލެއް އަޅަނީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ލ. ގަމުގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ، ފޮޓޯ: ޕީޕީއެމް

ލ. ގަމަކީ ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް އެންމެ އެކަށީގެންވާ ތަންކަމަށާއި، އެރަށުގައި އެކަމަށް ޚާއްސަ ހޮސްޕިޓަލެއް އަޅައިދެއްވާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެންޕެއިންއަށް ލ. ގަމު، ތުނޑި އަވަށުގައި ހުންނަ އެޕާޓީގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ޚާއްސަ މި ހޮސްޕިޓަލަކީ އެރަށުގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލުގެ އިތުރުން އިމާރާތްކުރާނެ ހޮސްޕިޓަލެއްކަމަށެވެ.

"ބޭރު ޤައުމުތަކުގައި ވެސް މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާނީ ވަރަށް ހިތްފަސޭހަ ގަސްގަހާގެހި ގިނަ، ވަރަށް ހިތްގައިމު، މީހުންނާއި ޓްރެފިކްގެ ބާރު ކުޑަ ތަންތަނުގައި، އެ ކަހަލަ ތަނަކަށް ދިޔައީމާ ހިތްފަސޭހަކަން ލިބޭ ކަހަލަ ތަނެއްގައި" އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތައް ވަރަށް ބޮޑުވެފައިވާކަމަށާއި، މިކަމަށް ޚާއްސަ ހޮސްޕިޓަލެއް އަޅައި ފަރުވާ ލިބެން ފެށުމުން، އިންޑިއާއަށް ގޮސް ފަރުވާ ހޯދުން ނިމުމަކަށް އަންނާނެކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ށ. ފުނަދޫގައި ބޭއްވި ޖަލްސާގައިވެސް ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭ ނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް އަޅައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ލ. ގަމުގައި ބޭއްވި ޑރ. މުއިއްޒުގެ ކެންޕެއިން ޖަލްސާގެ ތެރެއިން ފޮޓޯ: ޕީޕީއެމް

މި ޖަލްސާގައި ގަމުގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިއްޖެނަމަ، ގަމާއި ފޮނަދޫ ހިމެނޭގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގައި، ގޯތިގެދޮރު އިމާރާތްކުރުމަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭ، ފަސް ޕަސެންޓް އިންޓްރެސްޓްގެ ލޯނުތަކެއް އަތްފޯރާ ފަށުގައި ލިބޭނެގޮތް ހައްދަވައިދެއްވާނެކަމަށެވެ.

ގަމަކީ ބިން ބޮޑު ރަށެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މި ރަށުގައި ގެދޮރުވެރިކަން ބޭނުންވަނީ އެންމެ 100 މީހުން ނޫންކަމަށާއި، އެއްފަސްކުރަން ބޭނުންވަނީވެސް 100 ހައުސިން ޔުނިޓު ނޫންކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ދަށުން މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ގަމަށް ނިސްބަތްވާ ރައްޔިތުންގެ އިތުރުން އެރަށަށް ހިޖުރަކުރާ މީހުންނަށްވެސް ދަތިކަމެއްނެތި ބޯހިޔާވަހިކަން ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށެވެ. އަދި ލ. އަތޮޅު މުންޑު އާއި ކަޅައިދޫން ގަމަށް ބަދަލުވި މީހުންނަށް ބޭނުންވަނީ ހަމައެކަނި ގެދޮރެއް ނޫންކަމަށާއި، އެ ރަށްރަށުގައި ހުރި ހުށްގަހުގެ ބަދަލުވެސް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!