މި ސަރުކާރުގެ ބޭކާރު ޚަރަދުތައް އެތައް ގުނައަކަށް ގިނަ، އަދިވެސް ދަނީ ފައިސާ ޗާޕުކުރަމުން: މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބޭކާރު އެތައް ޚަރަދެއްކުރައްވާކަމަށާއި އަދިވެސް ފައިސާ ޗާޕުކުރުން ނުހުއްޓުވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރިއަށް ގެންދިޔަ “އާސްކް މުޢިއްޒު” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށް އެއްވެސް ޕްލޭނެއް އަދި ރަނގަޅު ސިޔާސަތެއް ވެސް ނެތި ސަރުކާރުން ކުރަމުންދާކަމަކީ އަދިވެސް ފައިސާ ޗާޕު ކުރުންކަމަށާއި ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާއިރު، ގައުމު އިގްތިސާދީ ގޮތުން ވެއްޓިފައިވާ ހާލަތުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.
އެގޮތުން އަހަރުގެ މިހާތަނަށް އައިއިރު ރާއްޖޭގެ ޖުމްލަ ދަރަނި 113 މިލިއަނަށް އަރާފައިވާއިރު އަންދާޒާއަކީ އަހަރު ނިމޭއިރު އެ އަދަދު އެތައް ގުނައަކުން އިތުރުވެގެން ދިއުންކަމަށާއި ރާއްޖޭގެ ދަރަނީގެ ހާލަތާއި މެދު ކަންބޮޑުވުން ހުރީ ގައުމުގެ އެތެރޭގައި ނޫންކަމަށައި ބައިނަލްއަޣުވާމީ މާލީ އިދާރާތްތަކުން ވެސް އެކަން ރާއްޖޭގެ ސަރުކާރުގެ ސަމާލުކަމަށް ގެންނަތާ އެތައް ދުވަހެއް ވެއްޖެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"2026 ގަ އެބައޮތް ބޮޑު އަދަދެއް ދައްކަން ވެސް، 2025ގަވެސް ކޮންމެވެސް ވަރެއް، 2026 ގައި މާބޮޑަށްވެސް، އެހެންވީމާ އަޅުގަނޑު މި ހުށަހަޅާނީ އަޅުގަނޑުމެން މައްސަލަ ހުށަހަޅާނެ ގޮތް، މައިގަނޑު ގޮތެއްގައި އިޤްތިޞާދުގައި ހުރި ހުރިހާ އަސާސްތައް މިވަނީ މުޅިން ފާލުން ނައްޓާލާފައި" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިޤްތިޞާދު މެނޭޖު ކުރުމަށް ރަނގަޅު ޕްލޭނެއް ހަދައި، އެ އަޒުމުގައި މަސައްކަތް ކުރާނަމަ އެކަން ކާމިޔާބުވީސް ކަމަށާއި ޓެކްސް މެދުވެރިކޮށް ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބޭއިރު މުސާރަތައް ރަނގަޅު ގޮތެއްގައި ދެވި ހަމަޖެހޭ އުސޫލެއް ޤާއިމުކުރެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ލޯނުތައް ނެގުން ނުވަތަ ބޮރޯ ކުރުން ހުއްޓާލުމަށް ފަހު ލިބޭ ފައިސާއިން ރިކަރަންޓު ހަރަދުތައް މެނޭޖު ކުރުމަކީ އިޤްތިޞާދު ހަރުދަނާ ކުރުމަށް އޮތް އެންމެ އަސާސްކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އޭގެ އެންމެ މުހިންމު ސަބަބަކީ، އިންވެސްޓަރުން ވެސް ގައުމަކުން އިޤްތިޞާދު މެނޭޖު ކުރާ ގޮތް ބަލައި ދިރާސާ ކުރުންކަމަށެވެ،
އަދި ސަރުކާރުން އާދައަކަށް ހަދާފައިވާ ފައިސާ ޗާޕް ކުރުން ހުއްޓާލަން ޖެހޭ ކަމަށާއި މިއީ އިތުރު އެއްވެސް ގޮތެއް ނެތިގެން ނޫންގޮތަކަށް އަޅަން ޖެހޭ ފިޔަވަޅަކަށް ވީނަމަވެސް ސަރުކާރުގެ އެއްވެސް ވިސްނުމެއް ޕްލޭނެއް ނެތި ފައިސާ ޗާޕު ކުރުމުގެ ގެއްލުން ގައުމަށް ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް، ކޮވިޑު-19 ގެ ދުވަސްވަރަކީ އެއީ އިސްތިސްނާ ހާލަތެއްގެ ގޮތުގައި ބެލެވިދާނެކަމަށާއި، އެކަމަކު 2022 އާއި މި އަހަރު އެކަން ކުރަން ޖެހޭ އެއްވެސް ހާލަތެއް ނެތްކަމަށް ފާހަގަކުރައްވަމުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ މި ސަރުކާރުން ޗާޕް ކުރި ފައިސާގެ އަދަދު އަށް ބިލިއަނާ ގާތް ކުރުމެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މީގެ 40 އަހަރު ކުރިއަށް ބަލާއިރު ވެސް އެ މުއްދަތުގެ ތެރޭގައި ވެސް މި އަދަދަށް ޖުމްލަ ފައިސާ ޗާޕްކޮށްފައި ނުވާނެއެވެ.
"މި ފަސް އަހަރު އެކަނި 8 ބިލިއަން، އެހެން ކުރީމަ ފައިސާ ދައުރުވާވަރު އިތުރުވެގެން މިއޮތީ، އަޅުގަނޑުމެންގެ އަގުތައް މައްޗަށް ގޮސްފި، އިންފްލޭޝަން މައްޗަށް ގޮއްސި، އެކްސްޗޭން ރޭޓް އިންތިހާއަށް ބޮޑަށް މައްޗަށް ގޮއްސި" މުއިއްޒު ވިދާޅުވިއެވެ.
މި ހުރިހާކަމަކަށް ބެލުމުގެ ބަދަލުގައި ސަރުކާރުން، އެކަމާ ގުޅުން ހުރި މާއްދާ ސަސްޕެންޑު ކުރުމަށް ފަހު، އެ މުއްދަތު ވެސް ދަންމާލީ ކަމަށް ތުޙުމަތު ކުރައްވަމުން މުއިއްޒު ވިދާޅުވީ އެހެންކަމުން އެ އިސްތިސްނާ އުވާލުމަށް ފަހު ސަރުކާރުން ބޭކާރު ހަރަދުތައް ހުއްޓާލަން ޖެހޭކަމަށާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނިތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކްރެޑިޓިނަށް ވެސް ބޮޑެތި ބަދަލުތައް އައިސްފައިވާއިރު، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައްތައް ގިނަކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، ދަރަނިތައް ދެއްކުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ފަންޑެއް ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑު ޑޮލަރުން ގާއިމު ކުރުމުން މި ސަރުކާރުން އެހެން ބޭނުމަކަށް އެ ފައިސާ ބޭނުން ކުރުމަށް ފަހު ފައިސާއިން ޖަމާ ކުރަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
އެ ފަންޑުގެ ބޭނުމަކީ ކުއްލި ބޭނުމެއް ޖެހިއްޖެ ހާލަތަކަށް، ނުވަތަ ލޯނުތައް އަނބުރާ ދެއްކުމުގައި ދަތިވާނަމަ ބޭނުން ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވާލި ސިޔާސަތެއް ކަމަށްވާއިރު މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ އެ ފަންޑަކީ އަނެއްކާވެސް ޑޮލަރު ޖަމާ ކުރާ ފަންޑަކަށް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ފަންޑަށް ގާނޫނީ ރައްކާތެރިކަން ދީ، ބޭނުންވާހާ ކަމަކަށް ފައިސާ ނުނެގޭ ގޮތަކަށް ބަދަލު ގެންނާނެ ކަމަށެވެ.