ލަވަޔަކުން އެމްޑީޕީއަށް ނަޞޭހަތް ދެމުން ޑިމޮކްރެޓްސްއިން ބުނީ އޮއެވަރު ރަނގަޅަށް ނުބަލައި ދަތުރު ނުފެށުމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވެރިކަން ހިންގާ އެމްޑީޕީން ހުށަހެޅި މައްސަލައިގައި ސޮއި ކުރެއްވި ގިނަ މެމްބަރުންގެ ސޮއި އަނބުރާ ގެންދެވުމުން އެ މައްސަލަ މިއަދު މަޖިލީހުން ބޭރުކުރުމުން ޒީރޯ ޑިގްރީގެ "ރިޔަލެއް މާބޮޑު އޮތަކަސް ލިބިފާ" މިލަވައިން އެމްޑީޕީ މެމްބަރުންނަށް އަޑު އިވޭގޮތަށް ޑިމޮކްރެޓްސްއިން ލަވަވިދާޅުވެ ނަޞޭހަތެއް ދެއްވައިފިއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގެ ތެރޭގައި ލަވަ ވިދާޅުވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، ޙަސަން މުޙައްމަދު (ހަސަންޓޭ) އެ ލަވަ އަޑުއައްސަވަން ހިނިފުޅުވަޑުވައިގެން ދުރުގައި ހުންނަވާ މަންޒަރު ފެނެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓާއެކުއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ބުނެއެވެ.