އިދިކޮޅު ޕީޕީއެމަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ގެއްލި ޑިމޮކްރެޓްސްއަށް ލިބިއްޖެ
އިދިކޮޅު މައި ޕާޓީ ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަޤާމު ގެއްލި، އެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ލިބިފައިވާކަން މަޖިލީހުގެ ޖަލްސާގައި މިއަދު އިއުލާނުކޮށްފިއެވެ.
ވެރިކަން ކުރާ ޕާޓީ ކަމުގައި އެމްޑީޕީއަށްވުރެ މިހާރު މަޖިލީހުގައި އެންމެ ގިނަ މެމްބަރު ތިބި ޕާޓީއަށް ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީ ވެފައިވާއިރު، މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މައިނޯރިޓީ ޕާޓީއަކީ ޑީމޮކްރެޓްސްއަށްވުމާ އެކު މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށެވެ.
ޑިމޮކްރެޓްސްއަށް ބަދަލުވިކަން އަންގަވާފައި ނުވާ ބާކީ ތިބި މެންބަރުން އެކަން މަޖިލީހުގެ އިދާރާއަށް މިހާރު އަންގާފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ.
ރައީސް ނަޝީދު ވަނީ މިހާރު މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ނިސްބަތް އިއުލާންކުރައްވާފައެވެ. އެގޮތުން، އެމްޑީޕީގައި 56 މެމްބަރުން، ޑިމޮކްރެޓްސްގައި 13 މެމްބަރުން، ޕީޕީއެމްގައި 5 މެމްބަރުން، ޕީއެންސީގައި 3 މެމްބަރުން، އެމްއެންޕީ ގައި 3 މެމްބަރުން، ޖުމްހޫރީ ޕާޓީގައި 2 މެމްބަރުން، އެމްޑީއޭގައި 2 މެމްބަރުން އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައި ތިބި 3 މެމްބަރުން އެބަތިއްބެވެ.
ޑިމޮކްރެޓްސްއަށް މަޖިލީހުގެ މައިނޯރިޓީކަން މިއަދު ލިބިފައިވާއިރު މީގެ ކުރިން މައިނޯރިޓީ ލީޑަރަކަށް ހުންނެވީ، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.