ބޯންމެރޯ ހަދަން އިތުރު 5 ފަރާތެއް ފޮނުވަން ތައްޔާރުވެއްޖެ
ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު 5 ފަރާތެއް ފޮނުވަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޯން މެރޯ ހަދަން ފޮނުވަން ނިންމާފައިވާ ފަސް ފަރާތާއި ވަނީ ލިޔުން ހަވާލުކޮށްދީފައެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާއާއި ބޭސް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.
އެގޮތުން މި އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި ނަސީމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ތެލެސީމިއާ ސެންޓަރެއް ބިނާ ކުރުމަށް ހުޅުމާލެއިން ބިމެއް ހޯދައި އެ ބިމުގައި މޯލްޑިވިއަން ބްލަޑް ސާވިސްގެއާ އިމާރާތެއް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.
ހަމަ އެހެންމެ ބޯންމެރޯގެ ޚިދުމަތަކީ ވެސް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއްކަން ފާހަގަކުރައްވާ ފަރުވާގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ގައުމުތަކުން ޚިދުމަތް ދެމުން އަންނަ ގޮތް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިފަހަރު ބޯންމެރޯ ހަދާ ކުދިންގެ ކަންކަން ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ނިންމާފައިވާ ފަސް ފަރާތާއި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.