ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ބިން ހިއްކުމަށް ފަޅުތެރޭން ނުނަގާ ހުރި އުޅަނދުތައް ނަގަން ފަށައިފި
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަން މިއަދު ފަށަން ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި ނުނަގާ ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފި އެވެ.
މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ބުނީ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާ "އޭރިއާ އޭ" ސަރަހައްދުގައި އަދިވެސް މަދު އުޅަނދުތަކެއް ހުރުމާ ގުޅިގެން އެ އުޅަނދުތައް އެތަނުން ނުނަގާ މަސައްކަތް ފެށުމަށް ދަތިވާތީ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ނަމަވެސް ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ސަފާރީތަކާއި އެހެނިހެން ކަނޑުދަތުރު ކުރާ އުޅަނދުތައް އަދިވެސް އެބަހުރި އާބަންކޯ އިން ބުނެފައި ވެއެވެ. އާބަންކޯ އިން ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައެވެ.
މިގޮތުން އާބަންކޯ އިން މިއަދު ބުނީ މިހާރު އެ އުޅަނދުތައް އެ ކޯޕަރޭޝަންގެ ފަރާތުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރ، ދިޔަނެރުން 24.6 ހެކްޓަރ އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރ ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އާބަންކޯ އިން ބުނީ ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގު ފުރުސަތުވެސް މިހާރުވެސް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާބަންކޯގައި ރަޖިސްޓްރީކޮށްގެން ކުޑަގިރި ފަޅު އަދި ދިޔަނެރު ފަޅުގައިވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.